ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން "ސްޕެޝަލް ކޮންސްޓެބިއުލަރީ" ހިދުމަތް އެ ހޮސްޕިޓަލުގައި ފެށުމަށް މަޝްވަރާކޮށްފިއެވެ.
މި ހިދުމަތް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ އާއި އެ ހޮސްޕިޓަލުގެ އިސް މެނޭޖްމަންޓް ޓީމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ވަނީ ބައިވެފައެވެ.
ކޭއާރުއެޗުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންނާއި، ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ އެ ހޮސްޕިޓަލަކީ ރައްކާތެރި، އަމާން އަދި އެހީތެރި ސިއްހީ ހިދުމަތްދޭ މާހައުލަކަށް ހެދުމަށް ހޮސްޕިޓަލުން ވެފައިވާ އިގުރާރު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ.
މި ހިދުމަތް މާލަސްތަކެއް ނުވެ އެ ހޮސްޕިޓަލުގައި ތައާރަފްކުރެވިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން އުންމީދުކުރެއެވެ.
"ސްޕެޝަލް ކޮންސްޓެބިއުލަރީ" ހިދުމަތަކީ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ބެލުމުގެ ދަށުން ދެވޭ ހާއްސަ ސެކިއުރިޓީ ހިދުމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!