މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވޯލްޑް ކަޕް ފައިނަލް މެޗު ބައްލަވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އިންނެވިއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފެނިގެންދިޔައީ "ފުޓްބޯޅައިގެ ރަސްގެފާނު" ގެ ގޮތުގައެވެ.

ޖުލައި 19 ވަނަ ދުވަހު ސްޕެއިން އާއި އާޖެންޓީނާގެ ކުޅުންތެރިންނަށް ތަށްޓާއި މެޑަލް ހަވާލުކުރަން ނިއުޔޯކް ކައިރީގައި އޮތް މެޓްލައިފް ސްޓޭޑިއަމްގެ ވިނަގަނޑު މައްޗަށް އެ ދެ ބޭފުޅުން އެރި ވަގުތު، ދަނޑުގައި ތިބި ބައެއް ސަޕޯޓަރުންގެ ފަރާތުން ނުރުހުމުގެ އަޑުތައް އިވުނު ނަމަވެސް، އެ މުބާރާތަކީ އިންފަންޓީނޯގެ ކާމިޔާބީގެ ރަމްޒެއްގެ ގޮތުގައި ބެލެވުނެވެ. އެއީ ފީފާގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުމުން، އަންނަ މާރިޗު މަހު އޮންނަ އިންތިޚާބުގައި އޭނާ ފަސޭހަކަމާއެކު އަލުން ހޮވިވަޑައިގަންނަވާނެ ކަމުގެ އުންމީދު ބޮޑުވެފައި އޮތް ދަނޑިވަޅެކެވެ.

Ad
rt

ނަމަވެސް، އޭގެ ފަހުން އިންފަންޓީނޯ ނިންމެވި ނިންމުމެއްގެ ސަބަބުން މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ތެރޭގައި ބޮޑު ބައިބައިވުމެއް އުފެދި، އޭނާގެ މަގާމަށް ވަނީ ނުރައްކާވެފައެވެ.
އިންފަންޓީނޯއަށް ހެދުނު ގޯހަކީ، ޖޯޝުއާ ކުޝްނާ އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އަމިއްލަ އިންވެސްޓަރުންގެ ގްރޫޕަކަށް، ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުން ލިބޭ ފައިދާގެ ހިއްސާ ވިއްކުމަށް ހުށަހެޅުމެވެ. މިކަމާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ފީފާގެ އިސް އޮފިޝަލުން ވަނީ އިންފަންޓީނޯ އެންމެންނަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން، ހޮނިހިރު ދުވަހުގެ ހެނދުނު އިންފަންޓީނޯ ވަނީ އެ މަޝްރޫއު ހުއްޓާލިކަން އިއުލާނު ކުރައްވާފައެވެ.

އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެންމެންގެ ޚިޔާލުތައް އަޑުއެހުމަށްފަހު، މި މަޝްރޫއުގެ ސަބަބުން އުފެދިފައިވާ ބައިބައިވުމަކީ ފުޓްބޯޅައިގެ މަސްލަހަތަށް އޮތް ހުރަހެއްކަން ސާފުވެއްޖެ ކަމަށެވެ.

އިންފަންޓީނޯގެ ހުށަހެޅުއްވުމަކީ ކޮބާ؟

އިންފަންޓީނޯ ހުށަހެޅުއްވީ ފީފާގެ ދަށުން "ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)" ގެ ނަމުގައި ކުންފުންޏެއް އުފައްދައި، ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ބްރޯޑްކާސްޓިން ރައިޓްސް، ސްޕޮންސަރޝިޕް އަދި ޓިކެޓް ވިއްކުން ފަދަ ވިޔަފާރީގެ ކަންކަން އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށެވެ.

މި ކުންފުނީގެ 20 އިންސައްތަ ހިއްސާ 4.2 ބިލިއަން ޑޮލަރަށް އަމިއްލަ އިންވެސްޓަރުންނަށް ވިއްކުމަށް ފީފާއިން ރޭވިއެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންވެސްޓަރަކަށް ހަމަޖައްސަން އުޅުނީ ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ "ތްރައިވް އިޓާނަލް" ކުންފުންޏެވެ.

ދެކޮޅުވެރިކަން އައީ ކޮން ދިމާލަކުން؟

ފީފާގެ ނައިބު ރައީސުންނާއި، އިސް ވެރިންނާއި، ޔޫރަޕްގެ ހުރިހާ ފުޓްބޯޅަ އެސޯސިއޭޝަންތަކަކާއި، އޭޝިއާ އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވެސް ވަނީ މިކަމާ ދެކޮޅު ހައްދަވާފައެވެ.

އިންފަންޓީނޯގެ އިސް މުޝީރު ކާލޯސް ކޯޑޭރޯ އިސްތިއުފާ ދެއްވައި، މިއީ ގޯސް ނިންމުމެއް ކަމަށް ވިދާޅުވިއިރު، ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލާމޯ ވެސް ވަނީ ފާޅުގައި މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އެންމެ ބޮޑު ފިޔަވަޅެއް އެޅީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިންނެވެ. އެ އިދާރާއިން ވަނީ އިންފަންޓީނޯ މި ރޭވުން ދޫކޮށްނުލައިފިނަމަ، ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ޔޫރަޕްގެ ގައުމުތަކަކީ ފީފާގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އަދި އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ސަރަހައްދެވެ.

ދެން ވާނީ ކިހިނެއް؟

މި މަޝްރޫއު ހުއްޓާލުމުން އިންފަންޓީނޯގެ އިދިކޮޅު ފަރާތްތައް ހިތްހަމަޖެހޭނެތޯ ސުވާލު އުފެދެއެވެ. އަންނަ ނޮވެމްބަރު 18 އަކީ ރައީސްކަމުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފަހު ތާރީޚެވެ. 2019 އަދި 2023 ވަނަ އަހަރު އިންފަންޓީނޯ އިންތިޚާބުވީ އެއްވެސް ވާދަވެރިއަކާ ނުލައެވެ. ނަމަވެސް މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއެކު، އޭނާއާ ދެކޮޅަށް ވަރުގަދަ ކެންޑިޑޭޓަކު ނުކުމެދާނެ ކަމަށް ބެލެވެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން، ޕީ.އެސް.ޖީގެ ރައީސް ނާސިރު އަލް-ޚެއްލައިފީ ނުވަތަ ފީފާގެ ނައިބު ރައީސް ވިކްޓާ މޮންޓަގްލިއާނީ އިންފަންޓީނޯއާ ވާދަކުރައްވަފާނެއެވެ. އިންފަންޓީނޯގެ މި ނިންމުމާއެކު، އޭނާގެ އިތުބާރު ގެއްލިފައިވާއިރު، ފުޓްބޯޅަ ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި އޭނާ ދެމިހުންނާނެތޯ ކުރިއަށް އޮތް މަސްތަކުގައި އެނގިގެންދާނެއެވެ.