ކުޅުދުއްފުށީ ސިޓީގައި ބާއްވަން ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވާ ''އައިލެންޑް ކާނިވަލް'' ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލަށްކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރޭ ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ބަޖެޓްގައި ހިމަނާފައިވާކަންކަން ރައްޔިތުންނާއި ހިއްސާކުރަށްވަމުން ބޮޑުތިލަދުންމަތި ބޮޑު ބާޒާރުގެ ނަމުގައި ބާޒާރެއް ކުރިއަށް ގެންދިޔުމަށް ސިޓީ ކައުންސިލުން ނިންމާފައިވާކަން މޭޔަރު ވަނީ ފާހަަގަކުރަށްވާފައެވެ.

Ad
rt

މޭޔަރު ވިދާޅުވެފައިވާ ގޮތުގައި ބޮޑުތިލަދުންމަތި ބޮޑު ބާޒާރުގެ ނަމުގައި ބާޒާރެއް ކުރިއަށް ގެންދިޔުމަށް ބަޖެޓްގައި ހިމަނާފައި ވަނީ މުޅިން އަލަށެވެ. އަދި އެއީ މިހާރުގެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމެއްކަމަށް ވެސް ވިދާޅުވިއެވެ،

''އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ ފަހުކޮޅިގައި އަޅުގަނޑުމެން އައިލެންޑް ކާނިވަލާއެކީގައި އެ ބާޒާރު ކުޅުދުއްފުށީގައި ކުރިއަށް ގެންދާނަން، އައިލެންޑް ކާނިވަލްއޭ ބުނީމަ ތިޔަ ބޭފުޅުންނަށް ފަހަރެއްގަ ކިހާވަރެއްގެ ކާނިވަލްއެއްކަން ނޭނގިދާނެ، އެހެންކަމުން އަޅުގަނޑު ދަންވާލަން މިހާތަނަށް ރާއްޖޭގެ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ކާނިވަލް މިކާނިވަލަކީ،'' މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެކާނިވަލް ކުރިއަށް ގެންދާނީ ރާއްޖޭގައި މީގެ ކުރިން ކުޅެން ނުލިބޭ ކުޅިވަރުތައް ކުޅުމަށް ފުރުސަތު ލިބޭގޮތަށެވެ.

''ރާއްޖެއިން ތަޖުރިބާ ކުރަން ނުލިބޭ ތަފާތު ވައްތަރުގެ ގޭމްސް ނުވަތަ ކުޅިވަރު ފުރުސަތުތައް އެ ކާނިވަލުގެ ތެރެއިން ލިބިގެންދާނެ، އެއާ އެކީގައި އިގްތިސޯދީ ހަރަކާތެއްގެ ގޮތުގައި ބާޒާރު އެތަނުގައި ކުރިއަށް ގެންދާނީ'' މޭޔަރު ވިދާޅުވިއެވެ.

"ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު ވަނީ 12 ޖުލައި 2026 ގައި ޖުލައި 23 ގެ ނިޔަލަށް ހުޅުވާލާފައެވެ. މި ބާޒާރު ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޅުދުއްފުށި ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެންނެވެ.