ދިވެހިރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދެމުންދާތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން އޯގަސްޓު މަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އީޖާދީ އުފެއްދުންތަކާއި ޚާއްޞަ އަހަރީ އޮފަރުތަކެއް އިއުލާނުކޮށްފިއެވެ.
ކަސްޓަމަރުންގެ އަގުވަޒަންކުރުމަށާއި ޑިޖިޓަލް ތަޖުރިބާތައް ފުރިހަމަކުރުމަށް ތައާރަފުކުރި މި އޮފަރުތަކުގެ ތެރޭގައި ހިލޭ ޑޭޓާއާއި، އިނާމު ލިބޭ ގުރުއަތުލުންތަކުގެ އިތުރުން ސެކިއުރިޓީ އާ ޚިދުމަތްތައް ހިމެނެއެވެ.
އަހަރީ ދުވަހުގެ ހަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އުރީދޫ ހޮޅުއަށި މެދުވެރިކޮށް ސީދާ 'ޓްރޫކޯލާ ޕްރީމިއަމް' އަށް ސަބްސްކްރައިބް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިއާއެކު އިތުރު ފައިސާ ދައްކާ ވަސީލަތެއް ބޭނުންނުކޮށް، އުރީދޫ ބިލަށް ފައިސާ އެއްކޮށްލައިގެން، ސްކޭމްތަކާއި އޮޅުވާލައިގެން ކުރާ ކޯލްތަކުން ރައްކާތެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން 5ޖީ އެއާފައިބާ ބޭނުންކުރާ ފަރާތްތަކަށް "ޗައިލްޑްސޭފް" ޕޭރެންޓަލް ކޮންޓްރޯލް ޚިދުމަތް ވަނީ ތައާރަފުކޮށްފައެވެ. މި ޚިދުމަތް އޯގަސްޓު 2026 މުޅި މަހު މުޅިން ހިލޭ ލިބޭނެއެވެ.
އަހަރީ ދުވަސް ކަމަށްވާ އޯގަސްޓު 1 ވަނަ ދުވަހު އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ ސުޕަރ އެޕް މެދުވެރިކޮށް 1 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ހިލޭ 21 ޖީބީގެ ޑޭޓާ ޕެކެއް ލިބޭނެއެވެ. އަދި ސުޕަރނެޓް ކަސްޓަމަރުންނަށް 21 ރުފިޔާއަށް، 21 އެމްބީޕީއެސް ސްޕީޑުގައި 7 ދުވަހަށް ބޭނުންކުރެވޭ 21 ޖީބީގެ އެޑް-އޮންއެއްވެސް ވަނީ ހުޅުވާލާފައެވެ. ސުޕަރނެޓް އަންލިމިޓެޑް ޕްލޭން އަޕްގްރޭޑްކުރާ ފަރާތްތަކަށް ފުރަތަމަ ތިން މަސްދުވަހު، މިހާރު ދައްކާ އަގުގައި އަޕްގްރޭޑްކުރި ސްޕީޑް ލިބިގެންދާނެއެވެ.
އުރީދޫއިން ވަނީ ކަސްޓަމަރުންނަށް ޚާއްޞަ އިނާމުތަކެއް ލިބޭ ގުރުއަތުލުންތަކެއްވެސް ރާވާފައެވެ. އެގޮތުން، އުރީދޫ ސުޕަރ އެޕް މެދުވެރިކޮށް މާސްޓަރކާޑުން 400 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހުންނަށް މެލޭޝިޔާއަށް ދިއުމާއި އައުމުގެ ޓިކެޓު ލިބޭނެއެވެ. އަދި 400 ރުފިޔާއިން މަތިން ރީޗާޖުކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ކޮންމެ 10 ދުވަހަކުން ނަގާ ގުރުއަތުން، މޯލްޑިވިއަންއިން ސްޕޮންސަރުކުރާ ޑާކާއަށް ދެކޮޅު ޓިކެޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އޯގަސްޓު މަހު 1,000 ރުފިޔާއިން މަތީގެ ކްލަބް ޕްރިމިއަރ ޕްލޭނަކަށް ބަދަލުވާ ފުރަތަމަ 100 ކަސްޓަމަރުންނަށް 100 ރުފިޔާގެ 'ހުއޯޕަން' އެޕް ޑިސްކައުންޓް ވައުޗަރެއް ލިބޭނެއެވެ.
މި އޮފަރުތަކުގެ އިތުރުން، އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ "ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ބޮޑު އިނާމު ކަމަށްވާ ހައްޖު ދަތުރު ލިބުނު ނަސީބުވެރިޔާއަކީ މިޞްރިއްޔާ ޢަލީކަން ވަނީ އިއުލާނުކޮށްފައެވެ. އަދި އާއިލީ އުފަލާއި ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ބާއްވާ 'އުރީދޫ ފަން ރަން' 2026 ޑިސެމްބަރު 11 ގައި ހުޅުމާލޭގައި ބާއްވާނެކަންވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
2005 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް 3ޖީ، 4ޖީ އަދި 5ޖީ ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތައާރަފުކޮށްދިން އުރީދޫގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވަނީ ކަސްޓަމަރުންނާއި، ޕާޓްނަރުންނާއި މުވައްޒަފުން ކުރި އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އޭއައި، ފިންޓެކް އަދި ޑިޖިޓަލް އީޖާދުތައް މެދުވެރިކޮށް ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމުގައި އުރީދޫ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!