މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކެލާ ދާއިރާގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ކެލާ ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއެކު މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދައްކަވާފައެވެ.

Ad
d

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާ ކަންކަމުގެ ތެރޭގައި ވަށަފަރު ވޮލީކޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، ކެލާ ބަނދަރުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނެއެވެ.

މީގެ އިތުރުން ކެލާގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ކެލާ ފިޝަރީޒް ޕްރޮޖެކްޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ފިއްލަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މެންބަރު ޢަބްދުﷲ ޝަރީފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތީ ރައްޔިތުންގެ ގާތަށް ކަމަށެވެ. އަދި މި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، ވީއެންމެ އަވަހަކަށް ނިންމައި ރައްޔިތުންނަށް މިކަމުގެ ލާބަޔާއި މަންފާ ހޯދައިދިނުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

Ad
df

މެންބަރު އިތުރަށް ވިދާޅުވީ ޕްރޮޖެކްޓްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މަސައްކަތްތައް ކުރިއަށްދާގޮތުގެ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނާ ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށެވެ.