އިންޑިއާގެ ބިހާރު ސްޓޭޓުގައި ޕާކިން މައްސަލައަކާ ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި، މުސްލިމް އޮޓޯ ރިކްޝާ ޑްރައިވަރަކަށް ބަޔަކު ރަހުމްކުޑަ ހަމަލާތަކެއްދީ މަރާލައިފިއެވެ.
ޖަމީލް އަޚްތަރު ނަމަކަށް ކިޔާ މި މީހާއަށް ދިން ހަމަލާތަކުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ އޭގެ އަނެއް ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިއީ ޕާކިންއާ ގުޅޭގޮތުން އުފެދުނު ޒާތީ ދެބަސްވުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ. މި ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުންގެ ތެރެއިން މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ މީހެކެވެ. މިކަމާ ގުޅިގެން ޖަމީލްގެ އާއިލާއާއި އެ ސަރަހައްދުގެ މުސްލިމް މުޖުތަމައުން ދަނީ އިންސާފަށް ގޮވާލަމުންނެވެ.
ޖަމީލްގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި، މިއީ ހަމައެކަނި ޕާކިން މައްސަލައެއް ނޫނެވެ. ކުދިކުދި ކަންކަމުގައި އުފެދޭ ދެބަސްވުންތައް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވަނީ ދީނީ ތައައްސަބުގެ ސަބަބުން ކަމަށް އާއިލާއިން ގަބޫލުކުރެއެވެ. މީގެ އިތުރުން، ހަތަރު މީހުންގެ ތެރެއިން އެންމެ މީހަކު ހައްޔަރުކުރުމަކީ ފުލުހުންގެ އިހުމާލެއް ކަމަށާއި، މައްސަލަ ތަހުގީގު ކުރުމުގައި ލަސްތަކެއް އުޅޭކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އޮބްޒާވަރުން ބުނަނީ، އިންޑިއާގައި މުސްލިމުންނަށް އަމާޒުކޮށް ހިންގާ މިފަދަ ހަމަލާތަކުގެ ފަހަތުގައިވާ އަސްލު ސަބަބުތަކަށް ފުލުހުން ބަލަންޖެހޭނެ ކަމަށެވެ. އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި، އިންޑިއާގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާއި ދަހިލީންނަށް އަމާޒުކޮށް ދެވޭ މިފަދަ ހަމަލާތައް އިތުރުވަމުންދާއިރު، މިއީ ވަކިވަކި ޒާތީ މައްސަލަތަކެއްގެ ގޮތުގައި ނިންމާލުމަކީ ނުރައްކާތެރި ކަމެކެވެ.
ކަމާބެހޭ ފަރާތްތަކުން މި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށް، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އާއިލާއާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ. މި ހާދިސާއާއެކު އެ ސަރަހައްދުގެ މަސްލަހަތު ވަނީ ނުތަނަވަސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!