2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މުހިންމު މިޑްފީލްޑަރު ރޮޑްރީ އަންނަ ހަފުތާގައި ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާކަން އެ ކްލަބުގެ އާ ކޯޗު އެންޒޯ މަރެސްކާ ކަށަވަރުކޮށްދީފިއެވެ.

ސްޕެއިނާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ރޮޑްރީއަކީ 2024 ވަނަ އަހަރު އޭސީއެލް އަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ ސީޒަނުގައި ވެސް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކުޅުންތެރިއެކެވެ. މަރެސްކާ ބުނި ގޮތުގައި ކުރީގެ ބެލޮންޑޯ ކާމިޔާބުކުރި ރޮޑްރީގެ އޮޕަރޭޝަން ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުއެވެ.

Ad
rt

ރޮޑްރީގެ މުސްތަގުބަލާ މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ނަމަވެސް، މަރެސްކާ ވަނީ އޭނާ ކްލަބުގައި މަޑުކުރުވަން ބޭނުންވާކަން ހާމަކޮށްފައެވެ.

"މޮޅު ކުޅުންތެރިންނާ ބެހޭގޮތުން އަބަދުވެސް ތަފާތު ވާހަކަތައް ދެކެވޭނެ، އެހެންވެ އަހަރެން އެކަމާ ކަންބޮޑެއް ނުވަން. ވޯލްޑް ކަޕް ކާމިޔާބުކުރުމުން އެފަދަ ވާހަކަތައް ދެކެވުމަކީ އާދައިގެ ކަމެއް. ކޮންމެ މެނޭޖަރަކުވެސް ރޮޑްރީ ފަދަ ޓޮޕް ކުޅުންތެރިއަކު ބޭނުންވާނެ،" މަރެސްކާ ބުންޏެވެ.

މަރެސްކާ އިތުރަށް ބުނީ އޮޕަރޭޝަނަށްފަހު ރޮޑްރީއަށް ޗުއްޓީއާއި އަރާމު ބޭނުންވާނެ ކަމަށާއި، ރަނގަޅުވުމުން އަލުން ޓީމާ ގުޅޭނެ ކަމަށެވެ. ނަމަވެސް އޭނާ އެނބުރި އަންނާނެ ސީދާ ތާރީޚެއް ކޯޗު ހާމައެއް ނުކުރެއެވެ.

މަރެސްކާ މި ވާހަކަތައް ދެއްކީ ސިޓީގެ ކޯޗުގެ މަގާމާ ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ހަފުލާގައެވެ. ކުރިން ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މަރެސްކާ ބުނީ ލެސްޓާ ސިޓީއާއި ޗެލްސީގައި މަސައްކަތް ކުރުމަށްފަހު އެނބުރި އައުމުން އިހުސާސް ކުރެވެނީ އަމިއްލަ ގެއަށް އާދެވުނު ކަމަށެވެ.

ޕެޕް ގާޑިއޯލާ ސިޓީ ދޫކޮށްލީ އެ ކްލަބާއެކު 17 ބޮޑު ތަށި ކާމިޔާބުކުރުމަށްފަހުއެވެ. އޭގެ ތެރޭގައި ހަ ޕްރިމިއާ ލީގު ތައްޓާއި 2023 ވަނަ އަހަރު ކާމިޔާބުކުރި ފުރަތަމަ ޗެމްޕިއަންސް ލީގު ތަށި ހިމެނެއެވެ. މިފަދަ ކާމިޔާބު ކޯޗެއްގެ ފަހަތުން ޓީމާ ހަވާލުވުމަކީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަރެސްކާ ވަނީ ސިފަކޮށްފައެވެ.