ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ 12 ވަނަ ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ހިމެނޭ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ޖާގަތައް ކަމިން އަޕް އަދި އިއްތިހާދު އެފްސީ ކަށަވަރުކޮށްފިއެވެ.
މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަށް ފަހުއެވެ.
ސެމީ ފައިނަލްގެ ދެ މެޗުވެސް ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ސެމީ ފައިނަލްގައި މި މުބާރާތުގައި އަލަށް ބައިވެރިވި ކަމިން އަޕް އާއި ދަ ބެންޗް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުން، ޕެނަލްޓީގައި ކަމިން އަޕް ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ސެމީ ފައިނަލްގައި ވާދަކުރީ އިއްތިހާދު އެފްސީއާއި އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް އެވެ. މި މެޗުގެ ފުރިހަމަ ވަގުތު 3-3 އިން އެއްވަރުވިއިރު، ޕެނަލްޓީގައި އިއްތިހާދު އެފްސީ ކުރި ހޯދީ 5-4 އިންނެވެ. މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ވަނީ މުބާރާތުން ވަކިވާންޖެހިފައެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލެއިޓް ވުލްފް ޔުނައިޓެޑް، ބްލެކް ކޯނާ، އިއްތިހާދު އެފްސީ، ކަމިން އަޕް، ދަ ބެންޗް އަދި މުޅިން އަލަށް ވާދަކުރާ އާރްއެސްއޭ ނެކްސްޓް ޖެނެރޭޝަން އެވެ.
ނަރުދޫއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އެ ރަށުގެ ކުޅިވަރުގެ ރޫހު އާލާކުރުމަށް ކޮންމެ އަހަރުވެސް ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ.
މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މާދަމާ ހަވީރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!