ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކަކީ "ބަލައިގަނެވޭނެ އަދި ކެތްކުރެވޭނެ ފަދަ އަމަލުތަކެއް ނޫން" ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނެފިއެވެ.
ފީފާއިން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިން ތަށި ހޯދި މެޗަށްފަހު، ދަނޑުމަތީގައި ބައެއް ކުރިމަތިލުންތައް ވަނީ ހިނގާފައެވެ. މީގެ ތެރޭގައި އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރެޑޭސް، ސްޕެއިންގެ އެރިކް ގާސިއާ އަދި ގަވީއާ ކުރިމަތިލާފައިވާއިރު، ސްޕެއިންގެ ކެޕްޓަން ރޮޑްރީގެ ބަނޑުގައި އާޖެންޓީނާގެ ނަހުއެލް މޮލީނާ ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްޕެއިންގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ޑި ލަ ފުއެންޓޭ ބުނީ، އެފަދަ ކަންކަމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
"އެ ފެންވަރުގެ ކުޅުންތެރިންގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަހަރެން މެޗުގެ ކުރިން އެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފު ކުރިން،" ކޯޗު ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެ ވަގުތު އުފާފާޅުކުރުމުގައި އުޅުމުން އެ ހާދިސާތައް އޭނާއަށް ނުފެންނަ ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ ވަނީ ސްޕެއިންގެ ޑެނީ އޮލްމޯއާ ދެމެދު ހިނގި ކަންތަކަށް މާފަށް އެދިފައެވެ. އަޔާލާ ބުނި ގޮތުގައި އެއީ ކޮށްޕާލުމެއް ކަމަށާއި، އެއީ މީހެއްގެ ގައިގައި ޖެހުމެއް ނޫން ކަމަށެވެ.
ކޯޗު ޑި ލަ ފުއެންޓޭ ވަނީ އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ކުރިމަތިވި އުނދަގޫތަކާއި ޖެއްސުންތަކަށް ސްޕެއިންގެ ކުޅުންތެރިން ދެއްކި ކެތްތެރިކަމަށް ތައުރީފުކޮށްފައެވެ.
"އަހަރެމެންގެ ކުޅުންތެރިން ތިބީ ވަރަށް ކެތްތެރިކަމާއެކު، ހަގީގީ ޕްރޮފެޝަނަލުންގެ ގޮތުގައި،" އޭނާ ފާހަގަކުރިއެވެ.
މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން މެޑަލް ހޯދަން ދިޔައިރު ސްޕެއިންގެ ކުޅުންތެރިން 'ގާޑް އޮފް އޮނާ' އެއް ދިން ނަމަވެސް، ސްޕެއިން ތަށި އުފުލާލި ވަގުތު އާޖެންޓީނާގެ ގިނަ ކުޅުންތެރިން ތިބީ ފުރަގަސްދީގެންނެވެ.
ފީފާގެ ޑިސިޕްލިނަރީ ޕްރޮސެކިއުޓަރުން މިހާރު ދަނީ މި މައްސަލަ ބަލަމުންނެވެ. ނަމަވެސް، މި މައްސަލައިގައި ފިޔަވަޅެއް އަޅާނެ ވަގުތެއް އަދި ސާފެއް ނުވެއެވެ.
ކުރިއަށް އޮތް މަސްތަކުގައި އާޖެންޓީނާގެ ރަސްމީ މެޗެއް ނެތުމުން، ކުޅުންތެރިންނަށް ސަސްޕެންޝަނެއް އައި ނަމަވެސް އެ ސަސްޕެންޝަން ތަންފީޒުވާނީ ކޮން އިރަކު ކަމެއް އަދި ނޭނގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!