އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕްގައި ކުޅެދީފައިވާ ކްރިސްޓިއަން ވޮލްޕާޓޯ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ނިއު ސައުތު ވޭލްސްގެ ފުލުހުން ހުކުރު ދުވަހު ހާމަކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ވޮލްޕާޓޯ ހުއްޓުވީ ސިޑްނީގެ އަންޒަކް ބްރިޖްމަތިން ބާރު ސްޕީޑުގައި ދުއްވަމުން ދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނި ގޮތުގައި، އިޓަލީގެ ޒުވާން ޓީމުތަކަށް ކުޅުމަށްފަހު އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ބަދަލުވި ވޮލްޕާޓޯ ވަނީ ދެ ގަޑިއިރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ބާރު ސްޕީޑުގައި ދުއްވައިގެން ހުއްޓުވާފައެވެ. ފުރަތަމަ ފަހަރު ބުރާސްފަތި ދުވަހުގެ ރޭ 11:05 ހާއިރު 60 ކިލޯމީޓަރުގެ ޒޯނެއްގައި 86 އާއި 94 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ދުއްވައިގެން އޭނާ ޖޫރިމަނާ ކުރިއެވެ. ނަމަވެސް އެ ފަހަރު ބެލި ބެލުމުން އޭނާ ރަލަށް ނެގެޓިވްވިއެވެ.
ދެވަނަ ފަހަރަށް އޭނާ ހުއްޓުވީ ހުކުރު ދުވަހުގެ ފަތިހު 1:10 ހާއިރު، ހަމަ އެ ޒޯނުގައި 109 ކިލޯމީޓަރުގެ ބާރުމިނުގައި ބީއެމްޑަބްލިއު ކާރެއް ދުއްވަމުން ދަނިކޮށެވެ. މި ފަހަރު ކުރި ޑްރަގް ޓެސްޓުން އޭނާ ވަނީ ކޮކެއިން އަށް ޕޮޒިޓިވްވެފައެވެ. ފުލުހުން މިހާރު ވަނީ އިތުރު ތަހުލީލުތަކަށް އޭނާގެ ކުޅުގެ ސާމްޕަލް ނަގާފައެވެ.
މި ހާދިސާއާ ގުޅިގެން ވޮލްޕާޓޯގެ ބައިނަލްއަގުވާމީ ޑްރައިވިންގ ލައިސަންސް ހަ މަސް ދުވަހަށް ވަނީ ސަސްޕެންޑްކޮށްފައެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، އޭނާގެ މައްޗަށް އަދި ޖިނާއީ ދައުވާއެއް އުފުލާފައި ނުވާ ކަމަށެވެ.
ފުޓްބޯލް އޮސްޓްރޭލިއާއިން ނެރުނު ބަޔާނެއްގައި ބުނީ، ވޮލްޕާޓޯއާ ގުޅޭގޮތުން ފެންމަތިވެފައިވާ މި ތުހުމަތުތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭނާއާ މުއާމަލާތް ކުރަމުންދާ ކަމަށެވެ. 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ޓީމަށް ތިން މެޗު ކުޅެދީފައިވާ ވޮލްޕާޓޯއަކީ މިހާރު އިޓަލީގެ ސަސުއޯލޯ ކްލަބަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!