ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓުގެ ބޮޑުބައި ނިމި، އަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.
މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ.
ޖުމްލަ 120 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން ދިއްދޫގައި ބިނާކޮށްފައިވަނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާހާނާގެ އިތުރުން، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި މުދާ ރައްކާކުރާނެ ސްޓޯރޫމެއް ހިމެނެއެވެ.
މީގެ އިތުރުން، މި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ހާއްސަ ޒޯނެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!