ހއ. ކަނޑާލިފިނޮޅަށް ކުރިއާލާ ދެވޭ ހުއްދައެއް ނެތި އަރާފޭބުމާއި، ބަނދަރުކުރުން އަދި އެއްވެސް ހަރަކާތެއް ހިންގުން ވަށަފަރު ކައުންސިލުން މިއަދު މަނާކޮށްފިއެވެ.
ވަށަފަރު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅު އަޅާފައިވަނީ އެ ރަށުގެ ގުދުރަތީ މާހައުލަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީކަމަށެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމާ ގުޅޭގޮތުން ކައުންސިލުން ބުނީ، ކައުންސިލްގެ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ނުވަތަ އުޅަނދަކުން އެ ރަށަށް އަރައިފިނަމަ ނުވަތަ ކަމެއް ކޮށްފިނަމަ، އެއީ ގާނޫނީ ހުއްދައެއް ނެތި ކުރާ ކަމެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ ދަށުން އަޅަންޖެހޭ އިދާރީ އަދި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އިންޒާރު ދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ މާރިޗު 5 ގައި ނެރުއްވި ގަރާރަކުން ކަނޑާލިފިނޮޅަކީ ވަށަފަރުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ. އެއާއެކު އެ ރަށް ބެލެހެއްޓުމާއި، ތަރައްގީކުރުމާއި، އިދާރީގޮތުން ހިންގުމުގެ އިތުރުން ރަށުގައި ހިންގާ ހަރަކާތްތައް ރެގިއުލޭޓް ކުރުމުގެ ފުރިހަމަ ބާރާއި މަސްއޫލިއްޔަތު އޮތީ ވަށަފަރު ކައުންސިލަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، ކުރިން އެއްވެސް ހުރަހެއްނެތި އެ ރަށަށް އަރާފޭބުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ވެލި ނެގުމާއި، ކުނި އެޅުމާއި، ގަސްގަހާގެއްސަށް ގެއްލުން ދިނުމުގެ އިތުރުން ރަށުގައި ހުޅުޖެހުން ފަދަ ނުރައްކާތެރި އަމަލުތައް ހިންގާފައިވާކަން ކައުންސިލުން ބުންޏެވެ.
އެހެންކަމުން، ރަށަށް އަރާފޭބުން ވަކި އުސޫލަކުން ކޮންޓްރޯލްކުރަން ފެށީ ރަށުގެ ގުދުރަތީ މާހައުލާއި އާންމު މުދާ ރައްކާތެރިކުރުމަށާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ކަމަށް ކައުންސިލުން ބުންޏެވެ. އަދި މި ކަމުގައި އާންމުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުމަށް ވަނީ އެދިފައެވެ.
އެ ރަށަށް އެރުމުގެ ހުއްދައަށް އެދުމަށާއި އިތުރު މައުލޫމާތު ސާފުކުރުމަށް ކައުންސިލްގެ ރައީސް އަހުމަދު ޝަމްއޫން (9720006)، ނައިބު ރައީސް މުހައްމަދު ޒަހީން (7940980)، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަހާސިން މުހައްމަދު (9642399) ނުވަތަ އެސޯސިއޭޓް ކައުންސިލް އޮފިސަރު އަބްދުﷲ ނައުޝާދު (9157188) އަށް ގުޅުމަށް ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!