ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރާ ގައުމަކަށް، އިނާމު ފައިސާގެ ގޮތުގައި 51 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ފީފާއިން ނިންމާފައިވާއިރު، މިއީ މުބާރާތުގެ ތާރީޚުގައި ވެސް ޗެމްޕިއަން ޓީމަށް ދޭ އެންމެ ބޮޑު އިނާމެވެ.

ފޯރި ގަދަ މި މުބާރާތުގެ ތަށި ސްޕޭނުން އުފުލާލާފައިވާއިރު 51 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން ފުރަތަމަ ފަހަރަށް 'ޗެމްޕިއަންޝިޕް ރިންގް' ވެސް ވަނީ ދީފައެވެ.

Ad
rt

މުބާރާތުގެ ދެވަނަ ހޯދާ ޓީމަށް (އާޖެންޓީނާ) 34 މިލިއަން ޑޮލަރު ލިބޭއިރު، ތިންވަނަ ޓީމަށް (އިނގިރޭސިވިލާތް) 30 މިލިއަން އަދި ހަތަރުވަނަ ޓީމަށް (ފްރާންސް) 28 މިލިއަން ޑޮލަރު ލިބޭނެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރިއިރު، ފީފާއިން ވަނީ މުޅި މުބާރާތުގެ އިނާމު ފަންޑު 871 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރަކީ، ތިން ގައުމެއްގައި (އެމެރިކާ، ކެނެޑާ، މެކްސިކޯ) މުބާރާތް ބާއްވާތީ ދަތުރުފަތުރާއި ހުރުމުގެ ޚަރަދުތައް ބޮޑުވުމުން، ޔޫރަޕްގެ ފެޑެރޭޝަންތަކުން ކުރި ޝަކުވާތަކާ ގުޅިގެން އިތުރުކުރި ފައިސާއެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް މަދުވެގެން 12.5 މިލިއަން ޑޮލަރު ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ މުބާރާތަށް ކޮލިފައިވެ ގްރޫޕް ސްޓޭޖުގައި ކުޅުމަށް ދޭ 10 މިލިއަން ޑޮލަރާއި، މުބާރާތުގެ ތައްޔާރީތަކަށް ދޭ 2.5 މިލިއަން ޑޮލަރެވެ. މުބާރާތުގެ ކުރިން މި ފައިސާ ދޫކުރަނީ، މާޒީގައި ބައެއް ޓީމުތަކުގެ ކުޅުންތެރިންނަށް ބޯނަސް ނުލިބިގެން ދިމާވި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ޗެމްޕިއަން ޓީމަށް ދޭ 51 މިލިއަން ޑޮލަރަކީ ބޮޑު އަދަދެއް ނަމަވެސް، މިއީ މިދިޔަ އަހަރު ބޭއްވި ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން ޗެލްސީއަށް ލިބުނު 115 މިލިއަން ޑޮލަރާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. އަދި މިއީ އިނގިރޭސި ކްލަބް ބްރައިޓަންއިން ދާދި ފަހުން 19 އަހަރުގެ ޑިފެންޑަރު ލޫކާ ވުސްކޮވިޗް ގަތުމަށް ހޭދަކުރި އަދަދަށްވުރެ ވެސް ކުޑަ މިންވަރެކެވެ.

އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާއަށް ލިބުނީ 42 މިލިއަން ޑޮލަރެވެ. އެ މުބާރާތުގެ މުޅި އިނާމު ފަންޑަކީ 440 މިލިއަން ޑޮލަރެވެ. މިފަހަރުގެ ބަދަލުތަކާއެކު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތުގެ އަގު މިވަނީ އިތުރަށް އުފުލިފައެވެ.