ފަރަންސޭސިވިލާތުގެ ތަރި ކީލިއަން އެމްބާޕޭ، އެ ގައުމުގެ ގައުމީ ޓީމަށް ކުޅެގެން އޭނާއަށް ލިބޭ މެޗު ފީ އާއި ބޮޑެތި ބޯނަސްތައް އަމިއްލަ ބޭނުމަށް ބޭނުންކުރުމުގެ ބަދަލުގައި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހަދިޔާކުރަން ނިންމައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެމްބާޕޭ މި ނިންމުން ނިންމާފައިވަނީ ގައުމީ ޓީމަށް ކުޅުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭތީއާއި، ގައުމަށްޓަކައި ކުރާ މަސައްކަތުން މާލީ މަންފާއެއް ހޯދުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ނުވާތީއެވެ. ރިޕޯޓްތައް ބުނާގޮތުން، ބައިނަލްއަގުވާމީ ފުޓްބޯޅަ ކެރިއަރުގެ ކުރީކޮޅުވެސް އޭނާ ވަނީ ގައުމީ ޓީމުން ލިބޭ ފައިސާގައި ނުހިފުމަށް ނިންމާފައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ރަން ބޫޓާއި، އެންމެ މޮޅު ތިން ވަނަ ކުޅުންތެރިޔާގެ މަގާމު ހޯދި އެމްބާޕޭގެ މި ދީލަތި އެހީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމުން އޭނާއަށް ލިބުނު ފައިސާއެވެ. ރަޝިޔާގައި ބޭއްވި އެ މުބާރާތުގެ މެޗު ފީ އާއި މުބާރާތް ކާމިޔާބުކުރުމުން ލިބުނު ބޯނަސް ހިމެނޭހެން ގާތްގަނޑަކަށް 500،000 އެމެރިކާ ޑޮލަރު (400،000 އަށްވުރެ ގިނަ ޔޫރޯ) އޭނާ ވަނީ "ޕްރެމިއާސް ޑި ކޯޑޭ" ނަމަކަށް ކިޔާ ޖަމިއްޔާއަކަށް ހަދިޔާކޮށްފައެވެ.
"ޕްރެމިއާސް ޑި ކޯޑޭ" އަކީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ ހަރަކާތްތައް ހިންގައިދޭ ފަރަންސޭސި ޖަމިއްޔާއެކެވެ. އެމްބާޕޭއަކީ 2017 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާގެ ބެލެނިވެރިއެއް (Patron) ގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ އަކީ ހަމައެކަނި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ މީހެއް ނޫނެވެ. އޭގެ ބަދަލުގައި، އަމަލީ ގޮތުން އެ ކުދިންނާ ބައްދަލުކޮށް، އެކުދިންނާއެކު ކުޅިވަރު ކުޅުމުގައިވެސް އޭނާ ވަގުތު ހޭދަކުރެއެވެ.
މީގެ އިތުރުން، އެމްބާޕޭ ވަނީ އޭނާގެ އަމިއްލަ ފައުންޑޭޝަން ކަމަށްވާ "އިންސްޕަޔަރޑް ބައި ކޭއެމް" (އައިބީކޭއެމް) މެދުވެރިކޮށްވެސް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. މި ފައުންޑޭޝަނަކީ ޕެރިހުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ، ފުރުސަތުތައް މަދު ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
އެމްބާޕޭގެ މި އަމަލަކީ ދުނިޔޭގެ ފުޓްބޯޅަ ތަރިންގެ މެދުގައި ނަމޫނާ، އަދި ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބެމުންދާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!