2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު، އާޖެންޓީނާގެ ކުޅުންތެރިން ސްޕޭންގެ ކުޅުންތެރިންނާ މާރާމާރީ ހިންގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތަށި އުފުލާލީ ސްޕޭންއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. ސްޕޭންގެ ހަމައެކަނި ލަނޑު 106 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ.

Ad
rt

މެޗު ނިމުނުކަން އަންގައިދޭ ރެފްރީގެ ފަހު ކަަށިގަނޑު ފުމެލުމާއެކު، ސްޕޭންގެ ބެންޗުގައި ތިބި ކުޅުންތެރިން އުފާފާޅުކުރުމަށް ދަނޑުމައްޗަށް އެރި ވަގުތު، ބަލިވި އާޖެންޓީނާގެ ކުޅުންތެރިންގެ މެދުގައި އުފެދުނު ނުތަނަވަސްކަން ބޮޑުވެ، މާރާމާރީއަކަށް ބަދަލުވިއެވެ.

މި ހަމަނުޖެހުން ފެށުނީ އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރޭޑޭސް، ސްޕޭންގެ އެރިކް ގާސިއާ އަދި ގަވީ ކޮއްޕާލައި ބިމާ ހަމަކޮށްލުމާ ގުޅިގެންނެވެ. މިއާއެކު ދެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މެދުގައި ބޮޑު ކުރިމަތިލުމެއް ހިނގައި، އެކަކު އަނެކަކު ގައިގައި އަތްލައި، ބައެއް ކުޅުންތެރިން މުށްކަވާފައި ހަމަލާދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ މެޗު ނިމިފައި ވަނިކޮށް ޕަރޭޑޭސްއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. މިއީ މި މެޗުގައި އާޖެންޓީނާގެ ކުޅުންތެރިއަކަށް ދެއްކި ދެވަނަ ރަތް ކާޑެވެ. މީގެކުރިން މެޗުގެ 90 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒް އަދި ޕަރޭޑޭސްއަށް މެޗުގެ ތެރޭގައި ރީނދޫ ކާޑު ދައްކާފައިވެއެވެ.

ފައިނަލަށް ފަހު އާޖެންޓީނާ ބައެއް ކުޅުންތެރިން ސްޕޭން ކުޅުންތެރިންނާމެދު ހިންގި މާރާމާރީ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ، ފޮޓޯ: ރޮއިޓާސް

ދަނޑުމަތީގައި އުފެދުނު މި ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނީ އާޖެންޓީނާގެ ހެޑް ކޯޗު ލިއޮނަލް ސްކަލޯނީ އާއި އޮފިޝަލުން ވަދެ ކުޅުންތެރިން ދުރުކުރުމުންނެވެ.

ވޯލްޑް ކަޕްގެ ފައިނަލެއްގައި މިފަދަ ބޮޑު މާރާމާރީއެއް ހިނގުމުން، ފީފާއިން މި މައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު މިހާރު އަންނަނީ މީސް މީޑިއާގައި ފީފާ އަށް ގޮވައިލަމުންނެވެ.