ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ސަތޭކަ އިންސައްތަ ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ "އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމް" ގެ ދަށުން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރި ދިވެހި ކުންފުނިތަކަކީ:
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ ފްލެޓްތައް ޚާއްސަކުރެވިފައިވަނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ވަޢުދުފުޅުތަކުގެ ދަށުން، ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަމިއްލަ މިލްކުވެރިކަން ލިބޭނެ ފަދަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ. އަދި ދިވެހި ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ފުރުޞަތު ފަހިކޮށްދީ، އިޤްތިޞާދީ ގޮތުން އެފަރާތްތައް ބާރުވެރިކުރުވުން ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!