ތައިލެންޑަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ދޫކުރާ ވިސާގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފިއެވެ.

ތައިލެންޑް ސަރުކާރުގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ޕްލޮއިތަލޭ ލަކްސަމީސަންޖަން އަންގާރަ ދުވަހު (14 ޖުލައި 2026) ވިދާޅުވީ، ވިސާގެ އިނާޔަތްތައް މުރާޖާކުރުމަށް ކެބިނެޓުން ފާސްކޮށްފައިވަނީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ފަތުރުވެރިންނަށް ފަސޭހަކޮށްދިނުމަށާއި، ސަލާމަތީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ކަމަށެވެ. މި ބަދަލުގެ މައިގަނޑު މަގްސަދަކީ އެކި ގައުމުތަކަށް ދެވޭ އިނާޔަތްތައް ފުށުނާރާނެހެން "ވަން ކަންޓްރީ، ވަން އެންޓައިޓަލްމަންޓް" އުސޫލުން ހަމަޖެއްސުމެވެ.

Ad
rt

މި އާ ބަދަލުތަކުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ތައިލެންޑަށް އެތެރެވުމުގެ ފުރުސަތު ދިވެހިރާއްޖެ ހިމެނޭހެން ޖުމްލަ 65 ގައުމަކަށް ލިބިގެންދާނެއެވެ. މީގެ ކުރިން 93 ގައުމަކަށް ދެމުން އައި 60 ދުވަހުގެ ވިސާ-އެގްޒެމްޕްޝަން އުސޫލު މިހާރު ވަނީ އުވާލާފައެވެ. ތައި ސަރުކާރުން ހާމަކުރި ގޮތުގައި މި މުއްދަތު ކުރުކުރީ، ގިނަ ދުވަހު މަޑުކުރެވޭ ގޮތަށް އޮތުމުން އޭގެ ނާޖާއިޒު ފައިދާ ނަގައި، ގާނޫނާ ހިލާފު ކަންކަމުގައި ބައެއް މީހުން ބައިވެރިވާތީއެވެ.

އަލަށް ގެނައި އިސްލާހުގެ ދަށުން ވިސާއާ ނުލައި 30 ދުވަހު މަޑުކުރެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ކްރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް އަދި މޯލްޓާ ހިމެނެއެވެ. މިއާއެކު ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ގައުމުތަކަށް މިހާރު ތައިލެންޑުން އެއް އުސޫލަކުން އަމަލުކުރާނެއެވެ. މީގެ އިތުރުން މޮރިޝަސް އަދި ސީޝެލްސްގެ ރައްޔިތުންނަށް 15 ދުވަހުގެ ވިސާ-ފްރީ އެންޓްރީއެއް ދޭން ވަނީ ނިންމާފައެވެ.

އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، އެ ގައުމަކީ އިގްތިސާދީ ގޮތުން މުހިންމު ބައިވެރިއަކަށް ވާތީ، އިންޑިއާއަށް މީގެ ކުރިން ދެމުން އައި "ވިސާ އޮން އެރައިވަލް" އުވާލައި، އޭގެ ބަދަލުގައި 15 ދުވަހުގެ ވިސާ-އެގްޒެމްޕްޝަން ދިނުމަށް ވަނީ ނިންމާފައެވެ.

ދެން "ވިސާ އޮން އެރައިވަލް" ދެން ލިބޭނީ އަޒަރުބައިޖާން، ބެލަރޫސް އަދި ސާބިއާގެ ރައްޔިތުންނަށް އެކަންޏެވެ.

މި އާ ގަވާއިދުތަކަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 15 ދުވަސް ހަމަވުމުންނެވެ. ނަމަވެސް، އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެތެރެވާ މީހުންނަށް ކުރިން ލިބިފައިވާ މުއްދަތަށް އެ ގައުމުގައި ތިބެވޭނެއެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" (ޓީޑީއޭސީ) ނިޒާމު އިތުރަށް ތަރައްގީކޮށް، އެކި އިދާރާތަކުގެ ޑޭޓާބޭސްތައް ގުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ ބޭނުމަކީ ތައިލެންޑަށް އެތެރެވާ މީހުންގެ ރެކޯޑުތައް ރަނގަޅަށް ބަލައި، ވިސާގެ އިނާޔަތްތައް ބޭނުންކުރަނީ އޭގެ އަސްލު މަގްސަދުގައިކަން ކަށަވަރުކުރުމެވެ.

ތައި ސަރުކާރުގެ ސްޕޯކްސްޕާސަން ޕްލޮއިތަލޭ ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ މަގްސަދަކީ ފަތުރުވެރިކަން ދަށްކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އިގްތިސާދު ކުރިއެރުވުމާއި، ފަތުރުވެރިންނަށް ފަސޭހަކޮށްދިނުމާއި، ގައުމީ ސަލާމަތް ހިމާޔަތްކުރުމުގެ މެދުގައި ހަމަހަމަކަމެއް ގާއިމުކުރުމަށް އެޅި ފިޔަވަޅެކެވެ.