ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ 12 ވަނަ ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ހިމެނޭ ފުޓްސަލް މުބާރާތް އަންނަ ބުދަ ދުވަހު ފެށުމަށް ނިންމައި މުބާރާތުގެ ގުރު ނަގައިފިއެވެ.
ނަރުދޫއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އެ ރަށުގެ ކުޅިވަރުގެ ރޫހު އާލާކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑް އާއި، ރަނަރަޕް ބްލެކް ކޯނާ ގެ އިތުރުން އިތިހާދު އެފްސީ، ކަމިންގ އަޕް، ދަ ބެންޗް އަދި މުޅިން އަލަށް މި މުބާރާތުގައި ވާދަކުރާ އާރްއެސްއޭ ނެކްސްޓް ޖެނެރޭޝަން އެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މުބާރާތުގެ ލީގު ބުރުގެ މެޗުތައް މި މަހުގެ 15 އިން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މުޅި މުބާރާތުގެ ޗެމްޕިއަން ޓީމު ހޮވާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވާ ބުދަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!