ހިސާބަކީ ހަމައެކަނި ފޮތްތަކަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަމާއި، އެއީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ލާމެހިފައިވާ ޢިލްމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ހިސާބު ޢިލްމު އުނގަންނައިދިނުމުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ބޭނުންކުރުމާ ބެހޭގޮތުން ލިޔެފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް - އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ފޮތް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ދިވެހިންގެ މުސްކުޅި މަސައްކަތްތައް ކަމަށްވާ މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، އަދި ދަނޑުވެރިކަން ފަދަ ކަންކަމުގައި ހިސާބު ޢިލްމުގެ ތަޞައްވުރުތައް ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރާ ކަމަށެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ސަގާފަތާ ގުޅުވައިގެން ހިސާބު އުނގަންނައިދިނުމުން ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވެ، ފިލާވަޅުތަކަކީ ދިރިއުޅުމާ ގުޅުންހުރި މާނަވީ ކަންތައްތަކަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން، ދިވެހިންގެ ސަގާފީ ޢިލްމުތައް ލިޔެ ރައްކާކުރުމަކީ ޤައުމީ ތަރިކަ ޙިމާޔަތްކޮށް ޤައުމިއްޔަތު ވަރުގަދަކުރުމަށް ލިބޭ ބޮޑު ބާރެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ހިސާބު ޢިލްމަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އީޖާދީ ކުރިއެރުންތަކަށާއި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ހިސާބު ޢިލްމުގެ ހުނަރުތަކަކީ ޒުވާނުންނަށް ކޮންމެހެން ބޭނުންތެރި ހުނަރުތަކެއްކަން އެކަމަނާ ހާމަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވި މި ފޮތާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން، މެޑަމް ސާޖިދާ ވިދާޅުވީ މި ފޮތުގެ ސަބަބުން ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށާއި ދަރިވަރުންނަށް ދިވެހި މުޖުތަމަޢުގައި އެކުލެވޭ މުއްސަނދި ޢިލްމުތައް އިތުރަށް ހޯދައި ދިރާސާކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްގެ މި ފޮތަކީ އެތުނޯމެތަމެޓިކްސްގެ ދާއިރާއިން ރާއްޖޭގައި ކުރެވޭ ދިރާސާތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އެހީގައި ހިސާބު ޢިލްމުގެ ތަޢުލީމާއި ކަރިކިއުލަމް އިތުރަށް މުއްސަނދިކުރެވޭނެ ގޮތްތައް ބަޔާންކޮށްދޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!