ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ބަށި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމުން ހޯދައިފިއެވެ.
މި މުބާރާތަކީ 2026 ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ޖުލައި މަހުގެ 2 އިން 4 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވާދަކޮށްފައިވެއެވެ.
މުބާރާތުގެ ޗެމްޕިއަން ވިދުވަރު، ފޮޓޯ: ނޮޅިވަރަންފަރު އތމކ
ފައިނަލް މެޗުގައި ބައްދަލުކުރީ ވިދުވަރު ޓީމާއި އަމާޒު ޓީމެވެ. މި މެޗު ވިދުވަރު ޓީމުން ކާމިޔާބުކުރީ 19 ލަނޑު 11 ފޯލިންނެވެ. އަމާޒު ޓީމަށް މެޗުގައި ހެދިފައިވަނީ 11 ލަނޑު 1 ފޯލިއެވެ. މި ނަތީޖާއާއެކު މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ އަމާޒު ޓީމެވެ.
މުބާރާތުގެ ރަނަރަޕް، ފޮޓޯ: ނޮޅިވަރަންފަރު އތމކ
މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ބަލާއިރު، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިދުވަރު ޓީމުގެ ޖާޒީ ނަންބަރު 8، ފާތިމަތު އަޙްމަދު އެވެ. އަދި މުބާރާތުގެ ބަށިރާނީގެ ޝަރަފާއި އެންމެ މޮޅު ހިފުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ވިދުވަރު ޓީމުގެ ޖާޒީ ނަންބަރު 7، ގަސީމަ ޙަސަން އެވެ.
މުބާރާތުގެ ބަށި ރާނީ ގަސީމާ، ފޮޓޯ: ނޮޅިވަރަންފަރު އތމކ
މީގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާގެ މަޤާމު މެހެފިލް ޓީމުގެ ފާތިމަތު ޙަސަން ހޯދިއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ރެހެންދި ޓީމުގެ ބަދޫރާ އިދުރީސް އެވެ. އަދި މުބާރާތުގެ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ މަޤާމު ހާސިލްކުރީ ނަންރީތި ޓީމުގެ ނަސްރީނާ މުޙައްމަދު އެވެ.
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ބޭއްވި މި މުބާރާތަކީ ރަށުގެ އަންހެނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި ކާމިޔާބު މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!