ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން އެންމެހައި ފަރާތްތަކުން ވެސް ދުވާރުމަތީގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ad
rt

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާއާ ހަވާލާދީ ފުލުހުން ހަނދާންކޮށްދީފައިވަނީ، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށެވެ.

ނަމަވެސް، މި ގާނޫނުގެ ދަށުން ކުޑަކުދިންގެ ޕްރޭމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑިތައް އިސްތިސްނާވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ދުވާރުމަތީގައި އުޅަނދު ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިކަމުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަކަށް ފުލުހުން ވަނީ ބާރުއަޅާފައެވެ.