2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސައުތު ކޮރެއާ ޓީމަށް ދިމާވި ނާކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ކުރިމަތިވަމުން އަންނަ ބިރުދެއްކުމާއި ފުރައްސާރައަށް ކެތް ނުކުރެވިގެން އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ހޮންގް މިއުންގް-ބޯ، އޭނާގެ ރައްކާތެރިކަމަށްޓަކައި ގައުމު ދޫކޮށް ފުރައިފިއެވެ.
އެމްބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ފުރާފައިވަނީ އިންޗިއޮން އެއާޕޯޓުން އެމެރިކާގެ ލޮސް އެންޖެލިސް އަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކޮރެއާ ކެޓުމާ ގުޅިގެން މަގާމުން އިސްތިއުފާ ދިން ހޮންގް މިއުންގް-ބޯ ފުރަމުން ނޫސްވެރިންނަށް ބުނީ، އޭނާ ވެސް ދައްކަން ހުރިވާހަކަތައް އެބަހުރިކަމަށާއި، ކޮންމެވެސް ދުވަހަކުން ހަގީގަތް ހާމަވާނެކަމަށެވެ.
"އަހަރެން ދައްކަން ބޭނުންވާ ވާހަކަތަކެއް އެބަހުރި، ކޮންމެވެސް ދުވަހަކުން އެކަންކަން ރަނގަޅަށް ހާމަވާނެ" އޭނާ ބުނެފަވެއެވެ.
މީގެ އިތުރުން ޓީމު ކެޓުމުގެ ސަބަބެއް ކަމަށް ބެލެވޭ ޑިސިޕްލިން މައްސަލަތަކާއި ލޮކަރ ރޫމްގެ ހަމަނުޖެހުންތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.
ޓީމުގެ ދަށް ނަތީޖާއާ ގުޅިގެން މަދަނީ ޖަމިއްޔާއަކުން ވަނީ ހޮންގް މިއުންގް-ބޯ އާއި ކޮރެއާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޗަންގް މޮންގް-ގްޔޫގެ މައްޗަށް ބިރުދެއްކުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ތުހުމަތުކޮށް ސިއުލް މެޓްރޯޕޮލިޓަން ޕޮލިސް އެޖެންސީއަށް މައްސަލަ ހުށަހަޅާފައެވެ. އަދި ގައުމީ މަޖިލީހުގެ ކަލްޗަރ، ސްޕޯޓްސް އެންޑް ޓޫރިޒަމް ކޮމިޓީން ވެސް ދަނީ މި މައްސަލައިގައި ހާއްސަ އަޑުއެހުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ސައުތު ކޮރެއާ ވަނީ ޗެކް ރިޕަބްލިކް އަތުން މޮޅުވި ނަމަވެސް، މެކްސިކޯ އަދި ސައުތު އެފްރިކާ އަތުން ބަލިވެ ގްރޫޕްގެ ތިންވަނައިގައި އޮވެ މުބާރާތުން ކެޓުމުން ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. އެއާޕޯޓުން ޓީމަށް މަރުހަބާ ކިޔުމުގެ ބަދަލުގައި ސަޕޯޓަރުން ވަނީ ކޯޗާ ދެކޮޅަށް އަޑުއުފުލައި، އޭނާއަށް މަރުގެ އިންޒާރުތައް ވެސް ދީފައެވެ.
ކޯޗު ހޮންގް މިއުންގް-ބޯ އެމެރިކާއަށް ދިޔައީ އޭނާގެ އާއިލާ އެ ގައުމުގައި ދިރިއުޅެމުންދާތީ ކަމަށް ވިޔަސް، މިއީ އޭނާއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި މައްސަލައިގައި ކޮރެއާގެ ރައީސް ލީ ޖައި-މިއުންގް ވެސް ވަނީ ފުޓްބޯޅަ އެސޯސިއޭޝަންގެ ހިންގުމާއި ކޯޗު އައްޔަންކުރި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!