އެ ރަށަކަށްޓަކައި އެ ހިތުގައިވަނީ ވަރަށް ވަރުގަދަ ލޯތްބެއްކަން ޔަޤީނެވެ. އެ ރަށުގެ ރީތިކަމުގެ ކުރީގެ ހަނދާންތައް ވެސް އެ ހިތުން ފިލައިގެން ނުދާކަން ކަށަވަރެވެ. އަދި އޭރު ދުށް ރީތި މަންޒަރުތަކާއި އަމާންވެށި އަދިވެސް އެ ހިތުގައި ދިރި އޮތް ފަދައެވެ.

ހދ. ނެއްލައިދޫއަށް އުފަން އެ ރަށު މާޒް، އިބްރާހީމް ރިޒާގެ ފަންނުވެރިކަމުގެ އެހީގައި އެތައް ބަޔަކު މީގެ 40 އަހަރު ކުރީގެ މާޒީގެ ހަނދާންތައް އާ ކުރާނެކަން ޔަޤީނެވެ. 3ޑީ ކޮށް ކުރަހައި އެނިމޭޓްކޮއްފައިވާ ވީޑިއޯއެއް އޭނާ ފޭސްބުކަށް ދޫކޮށްލީ ވަރަށް ފޮނި އުއްމީދުތަކާ އެކުގައެވެ. އެ ވީޑިއޯއިން ފެނިގެންދަނީ ހދ ނެއްލައިދޫގެ ބައެއް އާސާރީ ތަންތަނާއި ތާރީޚީ ސަރަޙައްދުތަކުގެ މިހާރުގެ ފޮޓޯއާއި މީގެ 40 އަހަރު ކުރީގައި އެ ތަންތަން ހުރި ގޮތުގެ 3ޑީ ފޮޓޯއެވެ.

Ad
rt

ރަށްވެހިގެ، ރަށު އޮފީސް، ކާޑު ގުދަން، އަދި ރަށުގެ މަލައްޗާއި ރަށުތެރެއަށް އަރައިގެން އަންނަ އިރު ފެންނަން އޮންނަ ހިތްގައިމު މަގުގެ އިތުރުން ރަށުތެރޭގެ ތަފާތު ސަރަޙައްދުތައް އޭނާ ކުރަހާފައިވެއެވެ.

"ތިލަދުން" އަށް މަޢުލޫމާ ހިއްސާކުރަމުން ރިޒާ ބުނި ގޮތުގައި މިހާރު އެ ތަންތަނާއި އެ ސަރަޙައްދުތައް އޮތް ހާލަތު ފެނި ޚުދު އޭނާއަށް ވެސް އަސަރު ކުރެއެވެ. އެހެންކަމުން، މި ޖީލުގެ ކުދިންނަށް އިހު ޒަމާނުގައި އެ ތަންތަން އޮތް ގޮތް ދައްކާލަން އޭނާގެ ހިތުގައި އުފެދުނު ޚާއްސަ ޝައުޤުވެރިކަމެއްގެ ސަބަބުން އެ އަމާޒުގައި އޭނާ މަސައްކަތް ފެށީއެވެ.

ރަށުގައި މިހާރު ތިބި އިސް ރައްވެހީންގެ އެހީތެރިކަމާއެކު ކުރީގެ މަންޒަރުތައް އޭނާ ސިފަކުރިއެވެ. އެއީ ޚުދު ރިޒާ ވެސް އުޅެބޮޑުވި މާހައުލަށްވެފައި، ދުވެ، މަޖާކޮށް، ކުޅެން އުޅުނު ސަރަޙައްދުތަކަށް ވާތީ ޢިމާރާތްތަކުގެ މިންތައް ދެނެގަނެ، ސިފަކުރަން އޭނާއަށް އުނދަގޫކަމަކަށް ނުވިއެވެ.

3ޑީ އާރޓްސްއަކީ ކަވި މަސައްކަތެކެވެ. އެހެންކަމުން، އެ މަސައްކަތުގައި ގޮންޖެހުންތަކަކާ ވެސް ކުރިމަތިލާންޖެހޭނެކަން ޔަޤީނެވެ. އެ ގޮތުން ރިޒާއަށް އެންމެ އުދަގޫވީ މަސައްކަތަކަށް އޭނާ ފާހަގަ ކުރީ، ޓެކްސްޗަރ ގެނައުމުގެ މަސައްކަތެވެ. އިހުގައި ޢިމާރާތް ކުރުމަށް ގިނައިން ބޭނުން ކުރާނީ ގޮނޑުދޮށަށް ލައްގާފައި ހުންނަ ފޮތި ގަލެވެ. ކުރެހުން އެންމެ ރަނގަޅަށް ފުރިހަަމަ ކުރުމަށްޓަކައި އޭގެ ޓެކްސްޗަރ އަސްލާ އެއްގޮތް ކުރުމަށް ރިޒާ ވަރަށް ގިނަ ވަގުތުތަކެއް ހޭދަ ކުރިއެވެ.

ކުރަހާފައިވާ ގިނަ ފޮޓޯތަކުގެ ތެރެއިން އޭނާ އެންމެ މަސައްކަތް ކުރަން ޖެހުނީ، ރަށްވެހިގެ ކުރަހާށެވެ. މިހާރު ވަރަށް ބޮޑަށް ވީރާނާ ވެފައި ހުރުމުގެ ސަބަބުން އެ ތަނަކީ އިހުގައި ކިހާ ރީތި ތަނެއްކަން މިހާރުގެ ކުދިންނަށް ދައްކާލަން ރިޒާ ކޮންމެހެން ވެސް ބޭނުންވިއެވެ.

ރަށްވެހިގެއަކީ ގިނަ ޢަދަދަކަށް ލަކުޑި ބޭނުންކޮށްގެން ފަރުމާ ކޮއްފައި ހުރި ޢިމާރާތަކަށް ވާތީ، ކުރެހުމުގައި ލަކުޑީގެ ޓެކްސްޗަރ ގެންނަން އޭނާއަށް ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. ރަށްވެހި ގެއިން ކުޑަ ލަކުޑި ކޮޅެއް ގެނެސް، ރޮންދާ އަޅައި މަށައިގެން އޭނާ އެ ލަކުޑީގެ އަސްލު ޓެކްސްޗަރ ހޯދިއެވެ. އެންމެ ގިނަ ވަގުތު އޭނާ ހޭދަކުރީ ވެސް އެ ފޮޓޯ ކުރެހުމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޚިދުމަތް ކުރާތާ 33ވަނަ އަހަރު ގުނަމުން ދާ ރިޒާ އެންމެ އުފާވީ، ސޯޝަލް މީޑީއާއަށް އޭނާގެ ވިޑިއޯ ދޫކޮށްލުމާއެކު މީހުން އެ މަސައްކަތް ބަލައިގަތުމުންނެވެ. އަދި ނެއްލައިދޫގެ ރީތި މަންޒަރުތަކުން ގިނަ ބައެއްގެ އިހުގެ ހަނދާންތައް އާކޮށްދެވުނީތީއެވެ.

ދިރާސާ ކުރުމާއި ކުރެހުންތަކަށް ޖުމްލަ 400 ގަޑިއިރު ހޭދަކޮށްފައިވާ ރިޒާގެ އުއްމީދަކީ ރަށުގައި ނެތިގެން ގޮސްފައިވާ ތަންތަނާއި ބަދަލުވެފައިވާ ސަރަޙައްދުތައް، އިސްރަށްވެހީންނަށް ސިފަކޮށްދެވޭ ކަމަށްވަންޏާ، މި ޖީލުގެ ކުދިންނާ ހަމައަށް އެ މަންޒަރުތައް ގެނެސްދިނުމެވެ.

އޭނާގެ އެންމެ ބޮޑު އަމާޒަކީ، އޭ،އައި އަށް ޒަމާން ފައްކާވެފައި ދުވަސްވަރެއްގައި، އޭއައި ގެ އެހީއާ ނުލައި، ޚުދު އޭނާގެ ފަންނުވެރިކަމުގެ އެހީގައި 3ޑީކޮށް އެނިމޭޓް ކޮއްފައިވާ އޭނާގެ ވީޑިއޯގެ ޒަރީޢާއިން ރަށުގެ ރީތިކަމާއި އެ ހިތްގައިމު ހަނދާންތައް މި ޖީލުގެ ކުދިންނަށް ވަޒަންކޮއްދިނުމެވެ.

ރިޒާގެ މި މަސައްކަތަށް، އޭނާއަށް އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރުވެރިވާ ޙާލު، ކުރިއަށް އޮތްތާ ވެސް، އޭނާގެ ހުނަރު ބޭނުން ކޮއްގެން، ރަށުގެ އިތުރު ވީޑިއޯތައް ހެދުމަކީ ރިޒާގެ އުއްމީދެކެވެ.