ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުދުންއާ ދެކޮޅަށް ކުޅެ 3-1 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ވަނީ އޭނާގެ ވޯލްޑް ކަޕް ލަނޑުގެ އަދަދު 19 އަށް އިތުރުކޮށް، މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ފިރިހެން ކުޅުންތެރިޔާގެ ރެކޯޑު އިތުރަށް ވަރުގަދަކޮށްފައެވެ.
އުމުރުން 39 އަހަރު ފުރުނުތާ ތިން ދުވަސް ފަހުން ކުޅުނު މި މެޗުގައި މެސީ ކުޅެން އެރީ ދެވަނަ ހާފުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެޗުގެ 80 ވަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ މެސީގެ ކެރިއަރުގައި ހިލޭ ޖެހުމުން ކާމިޔާބުކުރި 72 ވަނަ ލަނޑެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އޭނާ ޖެހި 123 ވަނަ ލަނޑެވެ.
މީގެ ކުރިން ވޯލްޑް ކަޕްގެ ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖެހުމުގެ ރެކޯޑު މެސީއާއެކު ހިއްސާކުރީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯއެވެ. މެސީގެ ކާމިޔާބީއާ ގުޅޭގޮތުން ކޯޗު ލިއޮނަލް ސކަލޯނީ ބުނީ "މެސީގެ ފަރާތުން މި ފެންނަ ކަންކަމާ ބެހޭގޮތުން ދައްކާނެ އިތުރު ވާހަކައެއް މިހާރު ނޭނގޭ" ކަމަށެވެ.
އާޖެންޓީނާގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން ލައުޓާރޯ މާޓިނޭޒް އާއި ހިލޭ ޖެހުމަކުން ޖިއޮވާނީ ލޮ ސެލްސޯއެވެ. މެސީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރީ އާޖެންޓީނާއަށް މިހާރުވެސް ގްރޫޕްގެ އެއްވަނަ ކަށަވަރުވެފައި އޮތުމުންނެވެ. ނަމަވެސް ޑަލަސް ކައުބޯއީސް ސްޓޭޑިއަމްއަށް އެއްވި 70,649 ސަޕޯޓަރުން ދިޔައީ މެޗުގެ ކުރީކޮޅުން ފެށިގެން މެސީގެ ނަމުން ގޮވާ އަޑުގަދަކުރަމުންނެވެ.
މި މުބާރާތުގައި މިހާތަނަށް މެސީ ވަނީ 6 ލަނޑު ޖަހާފައެވެ. މިއީ އެމްބާޕޭ، ވިނީޝިއަސް އަދި ހާލަންޑަށް ވުރެ ދެ ލަނޑު އިތުރު އަދަދެކެވެ. އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ މިހާތަނަށް ވޯލްޑް ކަޕެއްގެ ރަން ބޫޓު ހޯދާފައެއް ނުވެއެވެ.
އާޖެންޓީނާގެ ނޮކައުޓް ބުރުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ސައުތު ފްލޮރިޑާގައެވެ. 48 ޓީމު ބައިވެރިވާ މި މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިނަމަ، ކުރިއަށް އޮތް 17 ދުވަހުގެ ތެރޭގައި އެޓީމުން ފަސް މެޗު ކުޅެން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!