ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ޗެކް ރިޕަބްލިކާ 1-1 އިން އެއްވަރުކޮށް، މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު ދެކުނު އެފްރިކާއިން ދަމަހައްޓައިފިއެވެ.
މެޗުގެ ކުރިން ގައުމީ ސަލާމް ކިޔަމުން ދިޔައިރު ފެންކަޅިވެފައި ހުރި ޓެބޯހޯ މޮކޮއެނާ ވަނީ ފަހު ހާފުގައި ޕެނަލްޓީއެއް ކާމިޔާބުކޮށް ޓީމަށް މުހިންމު ޕޮއިންޓެއް ހޯދައިދީފައެވެ.
މާސެޑީޒް-ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓުގައި ޗެކް ރިޕަބްލިކަށް ކުރިހޯދައިދިނީ މިކަލް ސަޑިލެކްއެވެ. މިއީ އެލެކްސެންޑަރ ސޮޖްކާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ދެކުނު އެފްރިކާގެ ތަޕެލޯ މަސެކޯ ފޮނުވާލި ބާރު ހަމަލާއެއް ޗެކް ރިޕަބްލިކްގެ ޕަވެލް ސުލްކްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ މޮކޮއެނާ ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ނަތީޖާ އެއްވަރުކޮށްފައެވެ.
މި ދެ ޓީމަކީ ވެސް މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެފައިވާ ދެ ޓީމަށް ވުމާއެކު، މި މެޗުން ބަލިވި ނަމަ ގަދަ 32 ގެ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދިޔައީހެވެ.
ދެކުނު އެފްރިކާ ފުރަތަމަ މެޗުގައި މެކްސިކޯ އަތުން 2-0 އިން ބަލިވުމާ ގުޅިގެން އެ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އަދި ޗެކް ރިޕަބްލިކް ފުރަތަމަ މެޗުގައި ބަލިވީ ދެކުނު ކޮރެއާ އަތުން 2-1 އިންނެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭ އިން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އަދި އެބައޮތެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި އަންނަ ބުދަ ދުވަހު ދެކުނު އެފްރިކާ ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ހަމަ އެވަގުތު ޗެކް ރިޕަބްލިކް ބައްދަލުކުރާނީ މެކްސިކޯއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!