ޗައިނާގެ ވޫހާންއިން ފެތުރެންފެށި ނުރައްކާތެރި ކޮވިޑް-19 (ކޮރޯނާ ވައިރަސް) މިވަނީ ދުނިޔޭގެ އެތައް ޤައުމަކަށް ފެތުރި، ދުނިޔޭގެ ހިތްތަކަށް ބިރުވެެރި ކަމާއި ސިހުން ގެނުވާފައެވެ. ޗައިނާއާއި ގުޅުމެއްނެތް ޤައުމުތަކުން އެވައިރަސް ޖެހިފައިވާ މީހުން ފެންނަން ފެށުމަކީ ދުނިޔެއަށް އިތުރު ސިހުން ގެނުވި ކަމެކެވެ. އެވައިރަސްއަށް އަދި ބޭހެއް ވެކްސިނެއް ހޯދިފައި ނުވާ އިރު، އެމަސައްކަތް ކާމިޔާބު ކުރަން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާ ކުރައްވައެވެ.

އެވައިރަސް ފެތުރެމުންދާ ހަލުވި މިނަށް ބަލާއިރު، ފަރުވާއެއް ހޯދުމަށް އެހާ ދިގު އިންތިޒާރެއް ކުރަން ޖެހިފައިވުމީ އިތުރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ހަމަ އެހެންމެ އަދިވެސް ވައިރަސް ދެނެގަތުމުގެ މަރުހަލާގައި ވުމުން މި ވައިރަސްގެ ނުރައްކާތެރިކަން ވަޒަން ކުރަންވެސް ނޭނގެއެވެ.

Ad
rt

މިހާތަނަށް ހޯދިފައިހުރި ހޯދުންތަކުން އަދި ދިރާސާތަކުންނާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެދެމުން އައިއެއްކަމެއް އެބައޮތެވެ. އެއީ ގިނަގިނައިން އަތް ދޮވުމާއި އާންމު ތަންތަނަށް ކުޅުނުޖެހުމާއި ކެއްސާ ކިނބިހި އާޅާއިރު އަނގަމަތި ނިވާކުރުމެވެ. ހާއްސަކޮން ސެނަޓައިޒަރ ފަދަ ތަކެތި ބޭނުން ކޮށްގެން އަވަސް އަވަހަށް އަތް ދޮވުމަށް ކަމާބެހޭ މާހިރު އާދޭހާއި އެކު ދަނީ ދަންނަވަމުން ނެވެ. އަދި އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އަންނަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުން ނެވެ.

މިވައިރަސް އިންސާނުންގެ ހަށިގަނޑަށް ވަނުމަށް 48 ގަޑިއިރު ނުވަތަ 9 ގަޑިއިރުގެ ވަގުތެއް ހޭދަވާކަމަށް ވަނީ ހޯދިފައެވެ. އެހެންކަމުން އިންސާނެއްގެ އަތުގައި މިވައިރަސް ހުރެއްޖެނަމަ ކޮންމެ ދުވަހަކު 5 ފަހަރު 5 ވަގުތު ވުޞޫ ކުރާނަމަ ކޮވިޑް19 އިން ރައްކާތެރިވުމަށް އޮތް ތަޅުދަނޑިކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިވައިރަސް އަކީ ފެނުން ފަސޭހައިން ދޮވެލެވޭ ވައިރަސް އެކެވެ. ވައިރަސްގެ ނުރައްކާވަނީ ވައިރަސް އަތުގައި ހުއްޓާ ލޯ އަނގަ ނޭފަތް ފަދަ ތަނެއްގައި އަތްލެވުމުން އެތެރެ ހައްޓަށް ވައިރަސްގެ އަސަރު ކުރުމުންނެވެ.

ވުޞޫ ކުރުމުން ބެކްޓީރިއަލް އިންފެކްޝަންތަކުން ސަލާމަތްކޮށްދޭ

ނަމާދު ކުރުމުގެ ކުރިން ވުލޫ ކުރުމަކީ ވާޖިބެކެވެ. ކޮންމެ ނަމާދަކަށް ވުލޫ ކުރުމުން މީހާ ސާފުތާހިރު ކަންމަތީ ހުންނާނެ އެވެ. ވުލޫގައި ސުންނަތް ވެގެންވާ ގޮތަށް ވުލޫ ކުރުމުން ނުވަތަ ދެއަތް ދޮވުމުން އެންމެ ފަސޭހައިން ގައިންގަޔަށް އަރާ ބަލިތަކުން މީހާ ދުރުކޮށް ދޭނެ އެވެ.

ހޮސްޕިޓަލްތަކުގައި ވެސް ގިނައިން އަތް ދޮވުމަށް އިލްތިމާސްކޮށް ޕޯސްޓަރުތަށް ހަރުކޮށްފައި ހުރުމަކީ މިކަމަށް ބާރުދޭ ހެއްކެކެވެ. މީގެ އިތުރުން އަނގަ ދޮވުމުން ދަތް ފަނިި ކެއުންފަދަ ކަންކަމަށް އޮންނަ ފުރުސަތު ކުޑަކޮށްދޭނެ އެވެ.

ވުލޫކުރުމަށް ނޭފަތް ދޮވުމުން ނޭފަތުގައި ހުންނަ ތަފާތު ޖަރާސީމުތައް ފެނާއެކު ދުއްވާލަ އެވެ. ސާފު ފެނާއެކު ނޭފަތް ދޮވުމަކީ އާންމު ބަލިތައް ކަމަށްވާ ހުމާއި އާއި ސައިނަސް އާއި ރޯގާ އަދި ފުއްޕާމޭގައި އުފެދޭ އިންފެކްޝަންތައް ދުރުކޮށްދޭ ކަމެކެވެ. ނޭވާލުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އަހަރެމެން އާންމުކޮށް ކުރާ އެއް ޝަކުވާއަކަށް ވާނީ މޫނު ތެޔޮ ވުމާއި މޫނުން ބިހި ނެގުމެވެ. ވުލޫ ކުރަން މޫނު ތިން ފަހަރު ދޮންނަ ޖެހެ އެވެ.

5 ވަގުތު 5 ނަމާދު ކުރުމަށް ކޮންމެ މުސްލިމަކުވެސް މަދުވެގެން5 ފަހަރު ވުޞޫ ކުރަން ޖެހެއެވެ. އެހެން ކަމުން އާދައިގެ މަތިން އަތާއި ފަޔާއި މޫނާއި ދޮވެ ސާފު ކުރެވޭނެއެވެ.

މާތްﷲ ކީރިތި ޤުރުއާނުގައިވަހީ ކުރައްވާފައިވަނީ

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ﴿٦﴾ سورة المائدة

"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهر ވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهر ވެލީން ތިޔަބައިމީހުން تيمّم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ."

ޞިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ޙަޔާތުގެ ހީވާގިކަމުގެ ފީތާއެވެ. އެއީ އޭނާގެ އާރާއިބާރުގެ ހަކަތައެވެ. މިހެންވެ، އިސްލާމްދީނުގައި ޢާއްމު ޞިއްޙަތަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވެއެވެ. ޢާއްމު ޞިއްޙަތާ ބެހޭ އަސާސަކީ ސާފުތާހިރުކަމެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާބަސްފުޅުގެ މާނައިގައިވެއެވެ.

"ޠާހިރު ވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. ޠާހިރު ވެގަންނަ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ."

ކީރިތި ރަސޫލާ ﷲ ގެ މި ބަސްފުޅާމެދު ނިކަން ވިސްނާލަމާތޯއެވެ؟

"ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ."

އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދު ޤާއިމުވެފައިވަނީ ސާފުތާހިރުކަމުގެ މަތީގައެވެ. ވުޟޫ ނެތްމީހާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ. އިސްލާމްދީނުގައި ޝަރްޢު ކުރައްވާފައިވާ ވާޖިބު ހިނެއުންތަކާއި ސުންނަތް ހިނެއުންތަކުގެ އަމާޒަކީވެސް ހަމަ ސާފުތާހިރުކަމެވެ.