ހދ. ނޮޅިވަރަމް ސުކޫލް ކުރިމަތީ މަގާއި އެ ރަށު އަމީނީ މަގުގައި ހުރި އަޑިގުޑަންތައް ނައްތާލުމަށްޓަކައި އެ މަގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.
މި މަސައްކަތަކީ އެ މަގުތައް ބޭނުންކުރާ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސިއްހީ މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކުރެވުނު މަސައްކަތެއް ކަމަށް ނޮޅިވަރަމް ކައުންސިލުން ބުނެއެވެ.
ނޮޅިވަރަމް ކައުންސިލުން ހާމަކުރި ގޮތުގައި، މި މުހިންމު މަސައްކަތަކީ ކައުންސިލުގެ އެދުމަކަށް އެ ރަށުގެ ދީލަތި ފަރާތެއް ކަމަށްވާ އެރަށު ''ބޮންތި'' ޢަލީ ޝަމީމްގެ ފަރާތުން މުޅިން ހިލޭ ސާބަހަށް ކޮށްދެއްވި މަސައްކަތެކެވެ. މި މަސައްކަތުގައި އެއްވެސް އުޖޫރައެއް ނެތި "އެއްކަޑި ބޮޑުބެރު ގުރޫޕް" ގެ ފަރާތުން ވެސް ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ނޮޅިވަރަމް ސުކޫލް ޕީ.ޓީ.އޭ އާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިތުރުން އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ކައުންސިލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
މަސައްކަތް ކުރިއަށް ދިޔަ ވަގުތު ބައިވެރިންނަށް ބޭނުންވި ރިފްރެޝްމަންޓް ފޯރުކޮށްދީފައިވަނީ ކުލަބް ހުވާސް އާއި ފިނިހިޔާގެ އަޙްމަދު ސިރާޖްގެ ފަރާތުންނެވެ.
ނޮޅިވަރަމް ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި، ރަށުގެ ލާބަޔާއި މަންފާއަށްޓަކައި މިފަދަ އެކުވެރި މާޙައުލެއްގައި އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމަކީ އެ ކައުންސިލުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެކެވެ. މި މަސައްކަތުގެ ސަބަބުން މަގުތައް ބޭނުންކުރާ އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!