ކުލަބު މޯލްޓިވްސް އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ ކިންގުސް ކަފުގައި ބ. އޭދަފުށީގެ އެއިޓީފޯ އެފްސީ ބަލިކޮށް، ހއ. އުތީމުގެ އުތީމު އެފްސީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އުތީމު އެފް ސީން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެން އޮވެއެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ ލީޑު ފުރަތަމަ ނެގީ އެއިޓީފޯ އިންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 79 އަޙުމަދު ހުޝާމުއެވެ. ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއް ފަހުން އުތީމު އެފް ސީގެ ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީން (ޗޮޕޭ) ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ.

އުތީމު އެފް ސީން ކުޅުން ވަރުގަދަކޮށް މެޗުގެ ލީޑު ނެގީ އެ ޓީމުގެ ޖާޒީ ނަންބަރު 8 މުޙައްމަދު މުޢާދު ކާމިޔާބުކުރި ގޯލުންނެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ޖާޒީ ނަންބަރު 23 މުޙައްމަދު ރިޝްމީ (ރިޝީ) ވަނީ އިތުރު ގޯލެއް ޖަހައި އުތީމު އެފް ސީއަށް މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުތީމު އެފް ސީގެ ޖާޒީ ނަންބަރު 13 ޝާންއެވެ.

މެޗުގެ ފޯރިގަދަވެގެން ދިޔަ ވަގުތެއްގައި އެއިޓީފޯގެ އެސިސްޓެންޓް ކޯޗަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ކުއާޓަރ ފައިނަލްގައި އުތީމު އެފްސީ ކުރިމަތިލާން ޖެހޭނީ ކްލްބް ހޯކްސް އާއެވެ.