ހދ. މަކުނުދޫގައި ޤާއިމުކޮށްފައިވާ ރީޖަނަލް މެޓީރިއަލް ރިކަވަރީ ފެސިލިޓީ މެދުވެރިކޮށް، އެ ރަށުގައި އުފެދުނު 26 ޓަނުގެ ކުނި ރިސައިކަލް ކުރުމަށްޓަކައި ފޮނުވާލައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ނިޒާމެއްގެ ދަށުން ކުނި މެނޭޖްކުރުމުގައި ހޯދުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

މަކުނުދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ވޭތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި އެ ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ވަނީ ޤައުމީ ފެންވަރުގައި ބޮޑު ބަދަލެއް ގެނެވިފައެވެ. މަކުނުދޫގައި ހިންގާ މި ސެންޓަރަކީ މިވަގުތު ރާއްޖޭގައި ހުރި ހަމައެކަނި ރީޖަނަލް މެޓީރިއަލް ރިކަވަރީ ފެސިލިޓީކަމަށް އެ ކައުންސިލުން ބުންޏެވެ. މި މަސައްކަތުގެ ދަށުން އެއްކުރެވުނު 26 ޓަނުގެ ކުނި ރިސައިކަލް ކުރުމަށް ފޮނުވާލާފައިވަނީ 1 ޖޫން 2026 ގައެވެ.

Ad
rt

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސޮނޭވާ ނަމޫނާ އަދި ސޮނޭވާ ސީކްރެޓާ ގުޅިގެންނެވެ.

މަކުނުދޫގައި އުފެދުނު 26 ޓަނު ކުނި ރިސައިކަލް ކުރުމަށް ފޮނުވާލަން ދޯންޏަށް ބަރުކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: މަކުނުދޫ ކައުންސިލް

ކައުންސިލުން ވަނީ މި މަސައްކަތުގައި މުވައްޒަފުން ކުރި ބުރަ މަސައްކަތާއި، ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަކޮށްފައެވެ. މީގެ އިތުރުން މަކުނުދޫ ފެނަކަ ބްރާންޗުން ލިބުނު އެހީތެރިކަމަށްވެސް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން މަކުނުދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް ޢަބުދުﷲ މާހިދު ވިދާޅުވީ، މަކުނުދޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އައިސްފައިވާ ކަމަށެވެ.

"ވޭތުވެދިޔަ 15 މަސްދުވަހަކީ މަކުނުދޫ ކައުންސިލްގެ ތާރީޚުގައިވެސް ކުރެވުނު އެންމެ ފުރިހަމަ އަދި އެންމެ ނަމޫނާ މަސައްކަތް ފެނިގެންދިޔަ ދުވަސްތަކެއް، ރާއްޖޭގައި ގާއިމްކުރެވުނު ފުރަތަމަ ރީޖަނަލް މެޓީރިއަލް ރިކަވަރީ ފެސިލިޓީ އާއެކު، މަކުނުދޫ މިވަނީ މުޅި ގައުމަށް ނަމޫނާ ދައްކާފަ،" މާހިދު ވިދާޅުވިއެވެ.

މަކުނުދޫގައި ޤާއިމުކޮށްފައިވާ ރީޖަނަލް މެޓީރިއަލް ރިކަވަރީ ފެސިލިޓީ، ފޮޓޯ: ކައުންސިލް

މާހިދުގެ ވާހަކަފުޅުގައި މި މަސައްކަތުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ މެޓީރިއަލް ރިކަވަރީ ސެންޓަރުގެ މުވައްޒަފުންކަން ފާހަގަކުރައްވައި، ވަކިން ހާއްސަކޮށް މަސައްކަތް ސުޕަވައިޒް ކުރެއްވި އިބްރަހީމް ޝަރީފްގެ އިރުޝާދާއި މަސައްކަތަށް ތައުރީފު ކުރެއްވިއެވެ. އަދި މި މަސައްކަތުގެ ބިންގާ އެޅުއްވި ކައުންސިލްގެ ކުރީގެ ރައީސް އައުޒަމް ކުރެއްވި މަސައްކަތްޕުޅުވެސް އޭނާ ވަނީ އިޚްލާޞްތެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ފެށުނު އައު ދަތުރާއެކު، ރިސައިކަލް ކުރުމަށް 26 ޓަނުގެ ކުނި ބޭރުކުރެވިގެން ދިޔުމަކީ މަކުނުދޫގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާހިދު ވަނީ ސިފަކުރަށްވާފައެވެ. އަދި މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ މަރުޙަބާ އާއި ސާބަސް ރައްދުކޮށްފައެވެ.