ހަންގޭރީގެ ޕުސްކަސް އެރީނާގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓް ޕީއެސްޖީން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ ޑިފެންޑަރު ގަބްރިއަލް މަގަލްހައެސް ފޮނުވާލި ފަހު ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިއުމާއެކު ޕީއެސްޖީއަށް ތަށި ކަށަވަރުވިއެވެ.

Ad
rt

މެޗުގެ ކުރީކޮޅު، ހަވަނަ މިނެޓުގައި ކައި ހާވާޓްޒް ކާމިޔާބުކުރި ލަނޑާއެކު އާސެނަލުން ލީޑު ނެގިއެވެ. ނަމަވެސް، މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނު ޕީއެސްޖީން ވަނީ 65 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ކާމިޔާބުކުރި ޕެނަލްޓީން ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލެއް އިތުރު ވަގުތަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޕީއެސްޖީ ކުޅުންތެރިން ކާމިޔާބުގައި އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖްސް

ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ އެބެރެޗީ އެޒޭ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ނޫނޯ މެންޑޭޒްގެ ޕެނަލްޓީ ދިފާއުކޮށްފައެވެ. ޕީއެސްޖީގެ ފަހު ޕެނަލްޓީ ލޫކަސް ބެރާލްޑޯ ކާމިޔާބުކުރުމުން، މެޗު ކުރިއަށް ގެންދިއުމަށް ގަބްރިއަލްއަށް ޕެނަލްޓީ ކާމިޔާބުކުރަން މަޖުބޫރުވިއެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވުމުން ޕީއެސްޖީގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ބޮޑު އުފާފާޅުކުރުމެއް ބާއްވާފައެވެ.

ޗެމްޕިއަން ޕީއެސްޖީ، ފޮޓޯ: ގެޓީ އިމޭޖްސް

"މިއީ ގަބޫލުކުރަންވެސް ދަތި އުފާވެރި ވަގުތެއް. ޖެހިޖެހިގެން ދެ ފަހަރު ތަށި ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ކޯޗު ސީޒަން ފެށުނީއްސުރެ ބުނަމުންދިޔަ. އެހެންކަމުން އަހަރެމެން އެންމެން ވަރަށް ބުރަކޮށް މަސައްކަތްކުރިން،" މި ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ބުނެފަވެއެވެ.

ޕީއެސްޖީގެ ކޯޗު ތަށި އުފުލާލަނީ، ފޮޓޯ: އޭޕީ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، މި މެޗަކީ ވަރަށް ވާދަވެރި މެޗެއް ނަމަވެސް، މުޅި ސީޒަނަށް ބަލާއިރު މި ކާމިޔާބީއަކީ އެ ޓީމަށް ހައްގު ކާމިޔާބީއެއް ކަމަށެވެ. މިއީ ޕީއެސްޖީގެ ތާރީޚުގައި ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.