އެމެރިކާއާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާއަށް ލިބުނު ގެއްލުންތައް، އެމެރިކާއިން އުންމީދު ކުރިވަރަށްވުރެ މާ އަވަހަށް އީރާނުން އިއާދަކުރަމުންދާކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ރިޢާޔަތްކޮށް ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕްރީލް މަހުގެ ކުރީކޮޅު ފެށުނު ހަ ހަފުތާގެ ސުލްހައިގެ މުއްދަތުގެ ތެރޭގައި އީރާނުން ވަނީ އެގައުމުގެ ޑްރޯން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައެވެ. މިއީ ހަމަލާތަކުގައި ހަލާކުވި އަސްކަރީ ވަސީލަތްތައް އީރާނުން އަލުން ބިނާކުރަމުންދާ ކަމުގެ ވަރުގަދަ ހެއްކެކެވެ.

Ad
rt

އިންޓެލިޖެންސް މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުގެ އަސްކަރިއްޔާ އިއާދަވަމުންދަނީ ކުރިން އަންދާޒާކުރި މުއްދަތަށްވުރެ މާ ހަލުވިކޮށެވެ. މިގޮތުން، ހަލާކުވި މިސައިލް ސައިޓުތަކާއި، ލޯންޗަރުތަކާއި، ހަތިޔާރު އުފައްދާ މަރުކަޒުތައް މަރާމާތުކޮށް އަލުން ބޭނުންކުރަން ފަށާފައިވާކަމަށް އެ މަސްދަރުތަކުން ވަނީ ބުނެފައެވެ.

އެމެރިކާގެ އޮފިޝަލަކު ''ސީއެންއެން'' އަށް މައުލޫމާތު ދިންކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އީރާނުގެ ޑްރޯން ހަމަލާ ދިނުމުގެ ގާބިލުކަން ފުރިހަމައަށް އިއާދަކުރެވޭނެއެވެ.

"އީރާނުން ވަނީ އިންޓެލިޖެންސް ކޮމިއުނިޓީން އަސްކަރިއްޔާ އިއާދަކުރުމަށް ކަނޑައަޅާފައިވާ ހުރިހާ ތާވަލުތަކަކަށްވުރެ ކުރިއަރާފައި،" އެ އޮފިޝަލް ވިދާޅުވިއެވެ.

އީރާނުން މިހާ އަވަހަށް އަސްކަރީ ގާބިލުކަން އިތުރުކުރަމުންދަނީ ރަޝިޔާއާއި ޗައިނާގެ އެހީތެރިކަމާއެކު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތުހުމަތު ކުރެއްވި ގޮތުގައި، ޗައިނާއިން ދަނީ މިސައިލް އުފެއްދުމަށް ބޭނުންވާ ސާމާނު އީރާނަށް ފޯރުކޮށްދެމުންނެވެ. ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އަލުން ހަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ. އެހެންކަމުން، އީރާނުން އަލުން އުފައްދަމުންދާ އަސްކަރީ ވަސީލަތްތަކަކީ ކުރިއަށް އޮތް ތަނުގައި ކުރިމަތިލުންތަކެއް ހިނގައިފިނަމަ ބޮޑު ދައުރެއް އަދާކުރާނެ ތަކެއްޗެވެ.

އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ސޯން ޕާނެލް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށާއި، ރައީސް ޓްރަމްޕް ބޭނުންފުޅުވާ ވަގުތެއްގައި އަދި ބޭނުންފުޅުވާ ތަނެއްގައި ހަމަލާދިނުމުގެ ފުރިހަމަ ގާބިލުކަން އެމެރިކާއަށް ލިބިގެންވާ ކަމަށެވެ.

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި، އީރާނުގެ މިސައިލް ލޯންޗަރުތަކުގެ ތިންބައިކުޅަ ދެބައި އަދިވެސް ހުރީ ސަލާމަތުންނެވެ. އަދި އެގައުމުގެ ޑްރޯން ގާބިލުކަމުގެ 50 އިންސައްތަ އަދިވެސް ބޭނުންކުރެވޭ ހާލަތުގައި ހުރިއިރު، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ނުރައްކާކުރެވޭ ފަދަ ކޯސްޓަލް ޑިފެންސް މިސައިލްތައްވެސް ހުރީ ސަލާމަތުންނެވެ.