ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ނުފެނި ތިބި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
މި ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގެއްލުނު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ ހަތަރު މީހުންގެ ހަށިގަނޑު މިހާރު ވަނީ ލޮކޭޓްކުރެވިފައެވެ.
މި ހަތަރު ފަތުރުވެރިންގެ ހަށިގަނޑުވެސް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން ވަން ހޮހަޅަ (ކޭވް) ތެރެއިންނެވެ. އެމްއެންޑީއެފުން ބުނީ ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް އެ ހޮހަޅައިގެ ތެރެއިން ބޭރަށް ނެގުމުގެ މަސައްކަތް ކުރުމަށް މިހާރު ރޭވިފައިވާ ކަމަށެވެ.
އަލިމަތާ ކައިރީގައި ހިނގި މި ހާދިސާގައި ފަތުރުވެރިން ގެއްލިފައިވަނީ ކަނޑުގެ 50 އާއި 60 މީޓަރާ ދެމެދުގެ ފުންމިނުގައި އޮންނަ، ގާތްގަނޑަކަށް 260 މީޓަރުގެ ދިގު ހޮހަޅައެއްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން މީގެ ކުރިންވެސް ވަނީ މައުލޫމާތު ދީފައެވެ. މި ހޮހަޅައަކީ އޭގެ ފުންމިނާއި ދިގުމިނުގެ ސަބަބުން ބަލައި ފާސްކުރުމަށް ގޮންޖެހުންތަކެއް ހުރި ހައި ރިސްކް ތަނެކެވެ.
މި ހާދިސާގައި ގެއްލުނު ފަސް މީހުންގެ ތެރެއިން މީގެ ކުރިން ފެނިފައިވަނީ އެންމެ ޑައިވަރެއްގެ ހަށިގަނޑެވެ. އެ މީހާގެ ހަށިގަނޑުވެސް ފެނިފައިވަނީ 60 މީޓަރު އަޑީގައި އޮތް އެ ހޮހަޅައިގެ ތެރެއިންނެވެ. މިއަދު ފެނުނު ހަތަރު ހަށިގަނޑާއެކު، ގެއްލުނު ހުރިހާ ފަތުރުވެރިން މިހާރު ވަނީ ފެނިފައެވެ.
އެމީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލަކު ވެސް ވަނީ ހާލުދެރަވެގެން ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!