ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ 2026 މެއި 18 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:57 އެހައިކަންހާއިރުއެވެ.

Ad
rt

މި ހާދިސާގައި ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާޅާ އަޅަން އުޅުނު ފަތުރުވެރިއަކު މަރުވި މި ހާދިސާ ހިނގާފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަސް ފަތުރުވެރިން ގެއްލި، މަރުވުމުގެ ހިތާމަވެރި ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. އަލިމަތާ ކައިރީގައި ހިނގި ހާދިސާގައި ފަތުރުވެރިން ގެއްލިފައިވަނީ ކަނޑުގެ 50 އާއި 60 މީޓަރާ ދެމެދުގެ ފުންމިނުގައި އޮންނަ، 260 މީޓަރުގެ ދިގު ހޮހަޅައެއްގެ ތެރޭގައެވެ.

އަލިމަތާ ހާދިސާގައި މިހާތަނަށް ފެނިފައިވަނީ އެންމެ ޑައިވަރެއްގެ ހަށިގަނޑެވެ. އެ ހަށިގަނޑު ފެނިފައިވަނީ 60 މީޓަރު އަޑީގައި އޮތް ހޮހަޅައިގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުންވެސް ވީ އެ ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވޭތީ އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.