ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.
މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު ބާއްވަން ނިންމާފައި ވަނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ.
މައްޔިތާ އަށް ޒިޔާރަތް ކުރުން ވެސް ބާއްވަން ނިންމާފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. މައްޔިތާއަށް ޒިޔާރަތް ކުރުމަށް ކަނޑައަޅާފައިވާ ވަގުތަކީ 19:00 އިން ފެށިގެންނެވެ.
އިޓަލީގެ ޑައިވަރުންތަކެއް ގެއްލުނީ ވ. އަތޮޅު އަލިމަތާ ކައިރިއަށް މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ގޮސް އުޅެނިކޮށެވެ. އެއިގެ ތެރެއިން އެކަކު އެދުވަހު ކަނޑުއަޑީގެ ހޮހޮޅައެއްތެރެއިން ފެނިފައިވާއިރު ބާކީ މީހުންވެސް ވީ އެ ހޮހޮޅައިގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ލަފާކުރެއެވެ.
އުމުރުން 43 ގައި މަހްދީ ނިޔާވީ ބާކީ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ހާލުދެރަވެގެން މިއަދު މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ.
މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު އެ ސަރަހައްދަށް ފޮނުވައި އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!