ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައި، އެކަމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، މިއަދު ހެނދުނު 11:15 ގައި ބޭއްވި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ނިންމާފައިވަނީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށެވެ. އަދި މި ނިންމުމާއެކު މި މައްސަލަ ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި މިހާރު ހަމަކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ad
rt

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ މަދުވެގެން 24 މެންބަރުންގެ ސޮޔެވެ. މިކަމަށް ހުށަހަޅާ ގަރާރުގައި މަގާމުން ވަކިކުރަން ހުށަހަޅާ ސަބަބު ބަޔާންކުރަން ޖެހެއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ޝަރުތު ހަމަވާ މިފަދަ ޤަރާރެއް މަޖިލީހަށް ލިބުމުން، އެ ޤަރާރުގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައ،ި އެ ޤަރާރުގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަންޖެހެއެވެ. މި ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް
މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނ،ީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައިކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފަވެއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގައި ހުރި މީހަކު މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަޤާމުން އޭނާ ވަކިވީއެވެ.

93 މެންބަރުން ތިއްބަވާ 20 ވަނަ މަޖިލީހުގައި ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީ ޕީޖީން މި ނިންމުން ނިންމާފައިވަނީ، ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން މިއަދު ނާޒިމް ބޭރުކޮށްލާފައި ވަނިކޮށެވެ. ނަމަވެސް މި ފިޔަވަޅު އެޅި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.