ކުޅުދުއްފުށީގެ "މަށިކުޅި" ސަރަހައްދުގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އެ ސަރަހައްދުގެ ދިރުންތައް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސަރަހައްދުގެ ވިއުއިންގް ޕްލެޓްފޯމް ކައިރީގައި މައުލޫމާތު ބޯޑެއް ބަހައްޓައިފިއެވެ.
ސިޓީ ކައުންސިލުން ބަހައްޓާފައިވާ މި ބޯޑުގައި އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު އިރުޝާދުތަކެއް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ކުޅީގައިވާ މަސްމަހާމެއްސަށް ކާނާ ނޭޅުމަށާއި، ގޭގައާއި އަކުއޭރިއަމްތަކުގައި ގެންގުޅޭ ދިރުންތަކާއި، މަހާއި ގަސް ފަދަ ތަކެތި ކުޅީގެ މާހައުލަށް ދޫނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ކުޅީގެ ގުދުރަތީ ދިރުންތަކަށް ގެއްލުން ނުވާނޭހެން، އެއްވެސް ބާވަތެއްގެ ކުނި އެޅުމުން ދުރުހެލިވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ދިރުންތައް ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ކުޅިތަކާއި ކަނޑޫފާތަކަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ މުހިންމު ބައެއްކަން ފާހަގަކޮށް ކައުންސިލުން ބުނީ، މިއީ ގުދުރަތީ ހަމަޖެހުން ގާއިމުކޮށްދިނުމުގެ އިތުރުން، އައްސޭރިފަށް ހިމާޔަތްކުރުމުގައިވެސް އިސް ދައުރެއް އަދާކުރާ ތަންތަން ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މިފަދަ އަގުހުރި ގުދުރަތީ މާހައުލުތައް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، އެންމެހައި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!