އެފްސީ ބާސެލޯނާއިން ލަލީގާގެ ތަށި ކާމިޔާބުކުރުމުގެ އުފާފާޅުކުރުމަށް ހޯމަ ބޭއްވި ހާއްސަ ބަސް ބުރުގެ ތެރޭގައި، އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ހޫރުވައިފިއެވެ.
ބާސެލޯނާއިން ލަލީގާ ކާމިޔާބުކުރީ އޭގެ ކުރީ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ.
އުފާފާޅުކުރުމަށް ބޭއްވި ހާއްސަ ބަސް ބުރުގައި 18 އަހަރުގެ ޔަމާލް ފަލަސްތީނުގެ ދިދަ ހޫރުވަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
މި މަންޒަރު ފެނުމާއެކު ބާސެލޯނާގެ މަގުތަކަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޔަމާލަށް ތަރުހީބު ދީފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިކަން ސިފަކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ޔަމާލް ދެއްކި ވަރުގަދަ ތާއީދެއްގެ ގޮތުގައެވެ. ނަމަވެސް، ކުޅިވަރުގެ އުފާފާޅުކުރުމެއްގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުންވެސް އޭނާއަށް ވަނީ އަމާޒުވެފައެވެ.
ސްޕެއިނަށް އުފަން، މޮރޮކޯ އަދި އިކުއެޓޯރިއަލް ގިނީގެ މައިންބަފައިންނަށް ލިބިފައިވާ ޔަމާލަކީ މީގެ ކުރިންވެސް ފަލަސްތީނަށް ތާއީދުކޮށް ވާހަކަދައްކާފައިވާ ކުޅުންތެރިއެކެވެ. ބާސެލޯނާ ސިޓީއަކީވެސް ފަލަސްތީނުގެ ހައްގުގައި ގިނަ ހަރަކާތްތަކެއް ހިންގާ ސިޓީއެއްކަން ފާހަގަކޮށްލެވެއެވެ.
މި ހާދިސާއާ ގުޅިގެން ކްލަބުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އެޅިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މީޑިއާތަކުން މިކަން ސިފަކޮށްފައިވަނީ އުފާފާޅުކުރުމުގެ ތެރެއިން ފެނިގެންދިޔަ ހާއްސަ ވަގުތުކޮޅެއްގެ ގޮތުގައެވެ. މި ހަބަރު އަލްޖަޒީރާ، ރޮއިޓާސް އަދި ޓީއާރުޓީ ވޯލްޑް ފަދަ ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ވަނީ ކަވަރުކޮށްފައެވެ.
ޔަމާލް ވަނީ އޭނާގެ ދީނަކީ އިސްލާމްދީންކަމަށް މީގެ ކުރީން އެކިފަހަރުމަތީން ބުނެފައެވެ:
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!