ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް 2026 ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމުގެ މައިބަދައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންކަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި ރާއްޖޭގައި ޖުމްލަ 3,907 ނަރުހުން ދަނީ ޚިދުމަތް ދެމުންނެވެ.

ނަރުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދާއިރާގައި މަސައްކަތްކުރަނީ 3,593 އަންހެން ނަރުހުންނާއި 314 ފިރިހެން ނަރުހުންނެވެ. މީގެ ތެރެއިން 64 އިންސައްތަ ނުވަތަ 2,503 ނަރުހުންނަކީ ދިވެހިންނެވެ. އަދި ބިދޭސީ ނަރުހުންގެ ގޮތުގައި 1,404 ނަރުހުން (36 އިންސައްތަ) މަސައްކަތް ކުރަމުންދެއެވެ. ޚިދުމަތް ދިނުމުގައި 49 އިންސައްތަ ނަރުހުން އަތޮޅުތެރޭގައި މަސައްކަތް ކުރާއިރު، ބާކީ 51 އިންސައްތަ ނަރުހުން ޚިދުމަތް ދެނީ މާލެ ސަރަޙައްދުގައެވެ.

Ad
rt

ނަރުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 2018 ވަނަ އަހަރު ވަނީ ނަރުހުންގެ އޮނިގަނޑު އެކުލަވާލާފައެވެ. މި އޮނިގަނޑާއެކު ނަރުހުންގެ ކެރިއަރ ޕާތުވޭއާއި މުސާރައިގެ އޮނިގަނޑަށް އިޞްލާޙުތަކެއް ގެނެސް، ފަންނީ ކުރިއެރުން ލިބޭނެ މަގުތައް ވަނީ ތަރުތީބުކުރެވިފައެވެ. މީގެ އިތުރުން ކާޑިއަކް ކެއަރ އަދި ނިއުރޯ ކެއަރ ފަދަ ޚާއްޞަ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުޞަތުތައް ވެސް މިހާރު ވަނީ ހުޅުވިފައެވެ.

ސިއްޙީ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައާއި އިސް މަޤާމުތަކުގައި ނަރުހުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ނަރުހުންގެ ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށާއި ލައިސަންސް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

މި އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކީ "އަޅުގަނޑުމެންގެ ނަރުހުން، އަޅުގަނޑުމެންގެ ކުރިމަގު- ބާރުވެރި ނަރުހުން ފުރާނަ ސަލާމަތްކޮށްދޭ" މިއެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ޞިއްޙީ ނިޒާމު ވަރުގަދަކުރުމުގައި ނަރުހުން އަދާކުރާ މުހިންމު ދައުރެވެ.

ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި ސަރުކާރުގެ އަމާޒަކީ ނަރުހުންގެ ފަންނަކީ އިޙްތިރާމް ލިބިގެންވާ އަދި ކުރިއެރުމުގެ ފުރުޞަތުތައް ތަނަވަސް ދާއިރާއަކަށް ހެދުމެވެ.

ނަރުހުން ކުރައްވާ ބުރަ މަސައްކަތާއި އޯގާތެރި ޚިދުމަތަށްޓަކައި އެ ވުޒާރާއިން ވަނީ ހުރިހާ ނަރުހުންނަށް ޝުކުރު އަދާކޮށްފައެވެ.