ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ފަސް ވަނަ މެޗުގައި ހަނިމާދޫ އިން އޭދަފުށި ބަލިކޮށްފިއެވެ.

ތަޖުރިބާކާރު ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ)ގެ ބެލުމުގެ ދަށުން ކުޅުނު އޭދަފުށި ހަނިމާދޫ އަތުން ބަލިވީ 1-2 އިންނެވެ.

Ad
rt

ހަނިމާދޫގައި ކުޅުނު، މިއަދުގެ މެޗުގައި އޭދަފުށިން ވަނީ މެޗުގެ ދެވަނަ މިނިޓްގައި ލަނޑެއްޖަހައި ލީގު ނަގާފައެވެ. އެއީ އޭދަފުށީގެ އެޓޭކެއްގައި ޖޯޒީ ނަންބަރު 27 އިބްރާހީމް ޝަރީފް ޖަހައިދިން ލަނޑެކެވެ.

ނިއުރޭ ޑިންޓާއި ގައުމީ ޓީމަށް ކުރިން ކުޅުނު މުހައްމަދު ނާސިރުގެ އިރުޝާދުގެ ދަށުން ކުޅުނު ހަނިމާދޫ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގައި ދެއްކި އިތުރު ވަގުތުގެ ތިން މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓް، މެޗުގެ 46 ވަނަ މިނިޓްގައެވެ. މިލަނޑަކީ އޭދަފުށީ އޭރިޔާ ބޭރުން ހަނިމާދޫގެ ޖޯޒީ ނަންބަރު 23 މުހައްމަދު މަފާޒަށް އޭދަފުށީގެ ކުޅުންތެރިއަކު ފައުލް ކުރުމުން ހަނިމާދޫގެ މުހައްމަދު ސާލިމް (ލިމޭ) ޖެހި ހިލޭ ޖެހުމެއް ހޯދައި ހަނިމާދޫގެ ޖޯޒީ ނަންބަރު 5 މުހައްމަދު ޚާލިދު ގޯލްގެ ތެރެއަށް ވައްދާލައިގެން ޖަހައިދިން ލަނޑެކެވެ.

ހަނިމާދޫ ލީޑުނެގި ލަނޑު ޖަހައިދިނީ ފަހު ހާފުގެ 23 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު 10 ނާއިލް ދިން ބޯޅައަކުން ޖޯޒީ ނަންބަރު 28 މުހައްމަދު ޒަޔާންނެވެ.

މި ނަތީޖާ އާއިއެކު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ހަނިމާދޫ ވަނީ ތާވަލްގެ ކުރިއަށް ޖެހިލާފައެވެ. ދެވަނާގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ދިއްދޫއެވެ. ތިން ޕޮއިންޓާއެކު ތިން ވަނާގައި އޮތީ އޭދަފުއްޓެވެ. ތާވަލުގެ ފަހަތުގައި އޮތް މަނަދޫ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ނޯތު ރީޖަނަލް ލީގުގައި މާދަމާ ކުޅޭނީ މަނަދޫ އާއި ދިއްދޫގެ މެޗެވެ. މި މެޗު ކުޅޭނީ މަނަދޫ ގައެވެ.