މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ މަހުގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ތަކެތި އިފްތިތާޙްކުރުމަށްޓަކައި ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ތަކެތީގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި، އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.

Ad
rt

ލަންކާގައި މިފްކޯގެ މަހުގެ އުފެއްދުންތައް ތަޢާރަފްކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ޓްރޭޑް ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލެޕްމަންޓް ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ޙާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ސްރީލަންކާއަށް ރަސްމީކޮށް މިފްކޯގެ މަހުގެ ބާވަތްތައް ތަޢާރަފްކުރުމުގެ ކުރިންވެސް ސްރީލަންކާގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްސަ ލޯތްބެއް އޮންނަ ކަމަށެވެ. "ދެ ޤައުމުގެ ދެމެދު މި އޮތް ދުވަސްވީ ގުޅުމުގެ މައްޗަށް ބިނާކޮށް މިފްކޯގެ އުފެއްދުންތައް ލަންކާގެ ރައްޔިތުންނާއި ޚާއްސަކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް މިހާރު މިވަނީ ހަމަޖެހިފައި،" ވަޒީރު ވިދާޅުވިއެވެ.

މި ނިންމުމާއެކު ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށާއި އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖޭގެ ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތައް ފަސޭހަކަމާއެކު ބާޒާރުން ލިބެން ހުންނާނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.