ބައެއް ސިޔަސީ ޕާޓީތަކުން ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައި، އެކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސް ކުރިއަށް ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވައިދެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދެވެ. މި ގަރާރަކީ ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިވެ، ގައުމުގެ އަމަން އަމާންކަން ގެއްލޭތީ އެކަމާ މެދު ހަރުދަނާ ފިޔަވަޅު އެޅުމަށް ގޮވާލާ ހުށަހެޅި ގަރާރެކެވެ.
މި ގަރާރުގައި ސައްތާރު ވިދާޅުވެފައިވާ ގޮތުގައި، ގާނޫނުއަސާސީން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް، އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކުރާ ގޮތެއްގެ މަތިންނެވެ.
ގަރާރު ހުށަހަޅުއްވަމުން ސައްތާރު ވިދާޅުވީ ހިޔާލުފާޅުކުރުމާއި ޕާޓީތައް އުފައްދައި ހިންގުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާކަމަށެވެ. އަދި އަނެކުންގެ ހައްގުތަކަށާއި މިނިވަންކަމަށް އިހުތިރާމް ކުރުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާ އުސޫލުތަކާ ހިލާފަށް ހިންގަމުންދާ ގާނޫނާ ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން، މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހަމައްލުކުރަން ޖެހިފައި ވާކަމަށެވެ. އެހެންވެ، އެ ގަރާރު ހުށަހެޅިއްވީ އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައިކަމަށް ސައްތާރު ވިދާޅުވެފަވެއެވެ.
ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ، ޕާޓީތަކުގެ ގާނޫނާ ހިލާފަށް އަމަލުކުރާ ނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"މިކަންތައްތަކާ ހިލާފުވާ ނަމަ ހަގީގަތުގައި ކޯޓު އަމުރެއް ނެރެގެން އެބަޖެހޭ މި ޕާޓީތައް އުވާލަން،" މުސްތަފާ ވިދާޅުވިއެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި ގަރާރަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީން ވެސް ވަނީ މިފަދަ ހަރަކާތްތައް މަގުމަތީގައި ހިންގާފައެވެ. އެހެންކަމުން ވަކި ބަޔަކަށް އަމާޒުކޮށް މިފަދަ ގަރާރުތައް ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
މި ގަރާރާ ގުޅޭ ބަހުސް މަޖިލީހުގައި ކުރިއަށްދާއިރު، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
ބެލެވޭ ގޮތުގައި މިއީ ފަހަކަށް އައިސް ޕީއެންއެފް އިން ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ހުށަހެޅި ގަރާރެކެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޕީއެންއެފުން ގާނޫނީ އިމުގެ ބޭރުން ހަރަކާތްތައް ހިންގާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!