އެމެރިކާ އާއި އީރާނާ ދެމެދު އޭޕްރީލް 8 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިސައިލް އެލާޓެއް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

މި އެލާޓް ނެރެފައިވަނީ ސްޓްރެއިޓް އޮފް ހޯރްމޫޒްގައި ދަތުރުކުރަމުންދިޔަ އޭޑީއެންއޯސީ އާ ގުޅުންހުރި ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއް ޔޫއޭއީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވަނިކޮށެވެ. ޔޫއޭއީ އިން ވަނީ މި ހަމަލާގެ ތުހުމަތު އީރާނުގެ މައްޗަށް ކޮށްފައެވެ. ނަމަވެސް، މިސައިލް އެލާޓާއި ޑްރޯން ހަމަލާއާ ސީދާ ގުޅުމެއް އޮތްކަން އަދި ސާފެއް ނުވެއެވެ.

Ad
rt

ދުބާއީ އަދި ޝާރްޖާ ސަރަހައްދަށް ނެރުނު މި އެލާޓަށްފަހު، ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އާންމު ރައްކާތެރިކަމުގެ އެލާޓެއް ނެރެ، މިހާރު ހާލަތު ރައްކާތެރިކަމަށް އަންގާފައެވެ. ޔޫއޭއީގެ ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) އިން ވަނީ މިފަދަ އެލާޓެއް ލިބުމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ވީޑިއޯ ކުރުމަށްޓަކައި މަގުމަތީގައި މަޑުނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ހޯމަ ދުވަހުގެ ހަވީރު 5 ޖެހިކަންހާއިރު މިނިސްޓްރީ އޮފް އިންޓީރިއާ އިން ފޮނުވި މެސެޖުގައި ބުނެފައިވަނީ، އެންމެ ކައިރީގައި ހުރި ރައްކާތެރި އިމާރާތަކަށް ވަނުމަށާއި، ކުޑަދޮރުތަކާއި ދޮރުތަކާ ދުރުގައި ތިބުމަށެވެ. މި އެލާޓް ނެރުނުތާ ގާތްގަނޑަކަށް 10 މިނެޓް ފަހުން، ހާލަތު އާންމު ހާލަތަކަށް އައިސްފައިވާ ކަމަށް އަންގައި އިތުރު އެލާޓެއް ވަނީ ފޮނުވާފައެވެ.

ދުބާއީ މީޑިއާ އޮފީހުން ވަނީ މިފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭނެ ގޮތުގެ ރައްކާތެރިކަމުގެ ގައިޑްލައިނެއް އާންމުކޮށްފައެވެ. އޭގައިވާ ގޮތުން، އެލާޓެއް ލިބުމުން ރައްކާތެރި ތަނެއްގައި މަޑުކުރަންވާނީ "އޯލް ކްލިއަރ" ނުވަތަ ހާލަތު ރައްކާތެރިވިކަމުގެ އެންގުން ލިބެންދެނެވެ. އަދި ދުއްވާފައި ދާނަމަ، ދާން ބޭނުންވާ މަންޒިލަށް ދިއުމަށްފަހު އެންމެ އަވަހަށް ރައްކާތެރި ތަނަކަށް ވަނުމަށް ވަނީ އިރުޝާދު ދީފައެވެ.