ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯއަކަށް އާމިނަތު ޝިރްނާ މިއަދު އައްޔަންކޮށްފި އެވެ.
ހެލްތް މިނިސްޓްރީން މިއަދު ވަނީ ޝިރްނާ އެ މަގާމަށް ހަމަޖެއްސުމާއި ގުޅިގެން މަރުޙަބާ ކިޔާފައެވެ.
ޝިރްނާ ކުރިން ހުންނެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް ވަޒީރެއްގެ މަގާމުގައެވެ.
ޝިރްނާ ވަނީ ހެލްތް މިނިސްޓްރީގައި ދަމަނަވެއްޓާއި ބްލަޑް ސާވިސްގެ އިތުރުން އެޗްޕީއޭގެ ކަންކަން ބެލެހެއްޓެވުމުގައި އިސްކޮށް މަސައްކަތް ކުރަށްވާފައެވެ.
އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު ކެބިނެޓަށް ޢައްޔަނުކުރުމާއި ގުޅިގެންނެވެ. ހީނާ މިހާރުު ހުންނެވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމުގައެވެ.
އެންސްޕާ ވުޖޫދަށް އައިސްފައި ވަނީ 27 އޯގަސްޓް 2008 ގައެވެ. އެ އޭޖެންސީގެ މައިގަނޑު މަސައްކަތަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. އަދި މީގެ އިތުރުން ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމެވެ.
އެންސްޕާ އިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް އަދި އިޖްތިމާޢީ ސިއްޙީ އިންޝުއަރަންސް ސްކީމް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!