ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހަތް ފަހުމުނާމާއެއްގައި މިއަދު ބަދަލުކޮށްފިއެވެ.

މި ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮލޮންބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްބަސްވުންތައް އެކުލެވިގެންވާ މައިގަނޑު ދާއިރާތައް

ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާތަކުގެ ތެރޭގައި ޒުވާނުން ތަރައްޤީކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ޞިއްޙީ އަދި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެ އިތުރުން މުދައްރިސުން ތަމްރީނުކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށާއި، ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކޮށް އަރުޝީފުކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި ފަހުމުނާމާތަކުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޭ މަހުގެ 3 އިން 6 އަށް ސްރީލަންކާ އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.