ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙަޤީޤަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރަށްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ވިދާޅުވީ، މީޑިއާއަކީ ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަމަށެވެ. އަދި ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މިގޮތުން އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި އޮންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށާއި، އިންސާނީ ޙައްޤުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ސުލްހަމަސަލަސްކަން ދެމިއޮތުންވެސް ގުޅިފައިވަނީ މި މިނިވަންކަމާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، "ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙަޤީޤަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ"، ރައީސް އިލްތިމާސްކުރެއްވިއެވެ.
ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުވާފައިވެއެވެ.
ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މިއީ ނޫސްވެރިކަމާއި، ޓެކްނޮލޮޖީއާއި، މަދަނީ ޙައްޤުތަކާ ދެމެދު އޮންނަ ގުޅުންތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރެވެމުންދާ ވަގުތެއް ކަމަށެވެ. އަދި މި ދާއިރާގައި ހުރި ޚިޔާލުތަފާތުވުންތަކަށް އާ ހައްލުތައް ހޯދުމަށް އެކި ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!