އެޕްރީލް މަހުގެ ކުރީކޮޅު ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއެކު، އީރާނާއި ދެކޮޅަށްކުރި ހަނގުރާމަ މިހާރު ރަސްމީކޮށް ނިމިފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ކޮންގްރެސްއަށް އަންގައިފިއެވެ.

ޓްރަމްޕް ސަރުކާރުގެ މި ނިންމުމަކީ، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭ ގާނޫނީ މަޖުބޫރުކަމުން ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Ad
rt

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ބުރާސްފަތި ދުވަހު ސެނެޓްގައި ދެއްވި ހެކިބަހުގައި ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލުމާ ގުޅިގެން ހަނގުރާމަ ވަނީ "މެދުކެނޑިފައި" ކަމަށެވެ. މި މާނަކުރުމުގެ ދަށުން، 1973 ވަނަ އަހަރު ފާސްކުރި "ވޯ ޕަވަރސް ރިޒޮލިއުޝަން" ގެ ދަށުން، އަސްކަރީ ހަރަކާތްތައް 60 ދުވަހަށްވުރެ އިތުރުވާނަމަ ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަންޖެހޭ މާއްދާއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ވިދާޅުވި ގޮތުގައި، ފެބުރުއަރީ 28 ގައި ފެށުނު ހަމަލާތައް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި އޭޕްރީލް 7 އިން ފެށިގެން އެމެރިކާ ސިފައިންނާއި އީރާނާ ދެމެދު އެއްވެސް ހަމަލާއެއް ބަދަލުކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އީރާނުން އަދިވެސް ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތްއިރު، އެމެރިކާގެ މަނަވަރުތަކުން ދަނީ އީރާނުގެ ތެޔޮ ޓޭންކަރުތައް ދަތުރުކުރުން ހުއްޓުވުމަށް "ބްލޮކޭޑް" އެއް ދަމަހައްޓަމުންނެވެ.

ގާނޫނުގައިވާ ގޮތުން، ރައީސް ޓްރަމްޕަށް ކޮންގްރެސްގެ ހުއްދަ ހޯދުމަށް ނުވަތަ ހަނގުރާމަ ހުއްޓާލުމަށް ދީފައިވާ މުހުލަތު މިއަދު ހަމަވާނެއެވެ. އިދިކޮޅު ޑިމޮކްރެޓުންނާއި ބައެއް ރިޕަބްލިކަން މެންބަރުން ވެސް ވަނީ މިކަމުގައި ކޮންގްރެސްގެ ބަހެއް އޮންނަންޖެހޭނެ ކަމަށް ބުނެފައެވެ. ސެނެޓަރ ސޫޒަން ކޮލިންސް ވިދާޅުވީ، 60 ދުވަހުގެ މުހުލަތަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނީ ލާޒިމުކަމެއް ކަމަށެވެ.

މި މައްސަލައިގައި ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މަސައްކަތްކުރެއްވި ރިޗަޑް ގޯލްޑްބާގް ލަފާދެއްވާފައިވަނީ، މިއީ އާ އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

"އެޕިކް ޕެސޭޖް" ގެ ނަމުގައި ފަށާ މި މިޝަނަކީ އަމިއްލަ ދިފާއުގައި ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ގާއިމުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމުން ގާނޫނީ ހުރަސްތައް ނެތިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ގާނޫނީ ބޭފުޅުން ވިދާޅުވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަކުން 60 ދުވަހުގެ މުހުލަތު "ޕޯޒް" ނުވަތަ މެދުކެނޑޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށެވެ. ބްރެނަން ސެންޓަރގެ ކެތަރިން ޔޮން އެބްރައިޓް ވިދާޅުވީ، މިއީ ގާނޫނާ އޮޅުވާލުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށާއި، މިކަމާ މެދު ކޮންގްރެސްއިން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.