ހދ. ނެއްލައިދޫގައި މަލްޓި-ޕާރޕަސް ފުޓްސަލް އަދި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިން 20 ޖަނަވަރީ 2026 ގައި ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުސަތު ހުޅުވާލަން ނިންމީ ކަމަށެވެ.

Ad
rt

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 05 މޭ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންލައިން ފޯމު މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ފުރިހަމަކުރަން ޖެހެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަމާ ގުޅޭ އިތުރު މަޢުލޫމާތުތައް 06 މޭ 2026 ވާ ބުދަ ދުވަހު ހިއްސާކުރާނެއެވެ. ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ގައި ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓްގައެވެ.

މި މަޝްރޫޢަކީ ނެއްލައިދޫގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފަހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.