ރައީސް ޑރ. މުހައްމަދު މުޢިއްޒުއާ ގުޅުވައިގެން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމުގައި ހަތިމުގައި އަތްލައި ހުވާކުރަން ވެސް ކެރޭނެ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހު މިހެން ވިދާޅުވީ މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މުޢިއްޒުއާ ގުޅުވައި ފަތުރަމުންދާ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ފަލާހު ވިދާޅުވީ ރައީސާ މެދު އޮތް އިތުބާރެއްގެ ބޮޑުކަމުން، އެމަނިކުފާނާ ބެހޭގޮތުން ދައްކަނީ ދޮގު ވާހަކަތަކެއްކަން ސަތޭކަ ޕަސެންޓް ޔަގީންކަމާއެކު ހާމަކުރަން ކެރޭނެ ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ނަފްސުނޫން އެހެން މީހެއްގެ މައްޗަށް ކަމެއްގައި އިތުބާރު ކުރަންޏާ، ސަތޭކަ ޕަސެންޓަށް އަޅުގަނޑަށް ހަތިމުގައި ވެސް އަތްލާފައި ހުވާކުރަންކެރޭ ވަރުކަމެއް އެއީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އާއި ބެހޭގޮތުން އެ ދައްކާ ދޮގެއްކަން، ވަރަށް ހަގީގަތާއި ޚިލާފް ވަރަށް ދޮގު ވާހަކަތަކެއް ފަތުރަމުން ދިޔައީ ދޮގެއްތޯ،" ފަލާހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި 'އަދަދު' ނޫހުން ވަނީ އެއީ އެ ބޭފުޅުން އަމިއްލައަށް ހެދި ޑޮކިއުމެންޓަރީއެއް ކަމަށް އިއުތިރާފްވެފައެވެ.

މީގެ އިތުރުން، ނޫސްވެރިކަން ވެސް އޮންނަންވާނީ ވަކި ހުދޫދެއްގެ ތެރޭގައިކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ރައީސް އެ މައްސަލަ ރަސްމީކޮށް ނުޖެއްސެވި ނަމަވެސް ކަމާބެހޭ އިދާރާތަކުން އެކަން ބައްލަވާނެ ކަމަށެވެ. އަދި 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވަދެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން، ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ރައީސަކީ ދީނަށް ލޯބިކުރާ، ކެތްތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ކެތްތެރި ބޭފުޅަކަށް ނުވިނަމަ އެ ވާހަކަތައް ފެތުރި ހިސާބުން ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވަނީ ޕީއެންސީގެ ލީޑަރޝިޕާއި މަޖިލީހުގެ 75 މެންބަރުންގެ ފަރާތުން، ރައީސާ ގުޅުވައި ދޮގު ވާހަކަ ފަތުރާ ފަރާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.