ހއ. މުރައިދޫގެ ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލުން މަސައްކަތް ކުރާނީ ވަކި ކުލަޔަކަށް، ވަކި މީހަކަށް ނުވަތަ މުއްސަނޖަކަށް ފަގީރަކަށް ބެލުމެއްނެތި އެންމެނަށް ހަމަހަމަކަމާއެކު ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް އަމްޖަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަމްޖަދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭގެ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މިއަދު ފެނިގެންދަނީ އެކުގައި މަސައްކަތްކުރި އިޚްލާސްތެރި ވަފާތެރިން ކަމަށާއި، މިއީ ބަޔަކު މީހުން ކިތަންމެ ވަރަކަށް ބާކީކޮށްލާފައި ތިއްބަސް ރައްޔިތުންގެ އިހްސާސްތައް ދަނެ އެކަން ގަބޫލުކުރި ދުވަސް ކަމަށެވެ.
މުރައިދޫގެ ސިޔާސީ މަޝްރަހަށް އަލިއަޅުއްވާލައްވަމުން އަމްޖަދު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ބާރުވެރިކަމެއް ހިފަހައްޓައިގެން ''ވަކި ބަޔަކު ވަކިގޮތަކަށް ކަންތައްތަކެއް ކުރި ޒަމާން'' މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
''މާޒީވެގެން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ބާރުވެރިކަމެއް ހިފަހައްޓައިގެން މުރައިދޫގައި ވަކި ބަޔަކު ވަކިގޮތަކަށް ކަންތައްތަކެއް ކުރިޒަމާން މިއަދު މިއޮތީ އަޅުގަނޑުމެން ނިންމާލާފައޭ، ދެނެއް ހއ.މުރައިދޫގައި މުއްބާރު ވެރިކަމެއް ނުކުރެވޭނެ، ހުރިހާ ރައްޔިތުންނާއި ހުރިހާ އެންމެނަށް އިންސާފުވެރިކަމާއެކީގައި އެންމެން އެކުއެކީގައި މަސައްކަތްކުރާނެ ކައުންސިލެއް މިއޮތީ އަޅުގަނޑުމެން ހޯދައިދީފައޭ'' އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަމްޖަދު ވިދާޅުވީ މީގެ ކުރިން ''ވަކި ބަޔަކަށް ޕްރޮޖެކްޓްތައް ދީ، ވަކި ބަޔަކު ބުނާ ގޮތަށް ކަންކަން ކުރަމުންދިޔަ'' ކަމަށެވެ. ނަމަވެސް އެގޮތަށް އައު ކައުންސިލުން ނަހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''ވަކި ބަޔަކަށް ޕްރޮޖެކްޓްތައް ދީފަ ވަކި ބަޔަކަށް މަސްބާނާތަނެއް ހަދަން ދީފަ، ވަކި ބަޔަކު ބުނާގޮތް މި ކައުންސިލުން ނަހަދާނަމޭ، އެހެންވެއްޖެއްޔާ އެބޭފުޅުން ތިއްބަވާށޭ ގޭގައި، އަޅުގަނޑުމެން މަސައްކަތް ކުރާނީ ވަކި ކުލަޔަކަށް، ވަކި މީހަކަށް، މުއްސަނޖެއް، ފަގީރެއް ކުޑަކުއްޖެއް ބޮޑު މީހެއް ބެލުމެއްނެތި އެންމެނަށް ހަމަހަމަކާއެކު'' އަމްޖަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައު ކައުންސިލުން މަސައްކަތް ކުރާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވަމުންގެންދަވާ ނަމޫނާ އާއި އެއްގޮތަށް ކަމަށެވެ.
އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހއ. މުރައިދޫގެ ކައުންސިލްގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ވަނީ ކަށަވަރުކޮށްފައެވެ.
ކައުންސިލްތަކުގެ ހަޔާތުގައި މިއީ މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީގެ ފިކުރަށް ލިބުނު ފުރަތަމަ ފަހަރެވެ.
މުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ އަމްޖަދު މުހައްމަދު ކާމިޔާބުކޮށްފައިވާއިރު، މުރައިދޫ ކައުންސިލް މެމްބަރުގެ ގޮނޑި ޕީއެންސީގެ މުހައްމަދު ރާޒީ އަދި މުރައިދޫ ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ގޮނޑި ޕީއެންސީގެ ފަރުހަތު ސަމީރު ވަނީ ކާމިޔާބުކޮށްފައެވެ.
މުރައިދޫ ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކުރިއިރު، ޑަބްލިޔުޑީސީގެ އަނެއް ދެ ގޮނޑި ތެރެއިން ޕީއެންސީން ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!