ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން މިމަހުގެ 11 ވަނަ ދުވަހު ބޭއްވި "ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026" ފުޓްސަލް މުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

ހުޅުމާލޭ ގައި ބޭއްވި "ކޮފީ އެންޑް މޯ ހޮލިޑޭ ކަޕް 2026" އަކީ ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބު (NTSC) ގެ ފަރާތުން އިންތިޒާމުކުރި ވަރަށް ކާމިޔާބު ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ނައިވާދޫގެ ފުޓްސަލްގެ ދާއިރާއަށް ހުނަރުވެރި ޅަ ޒުވާން ޖީލެއް އުފެއްދުމެވެ. މި މުބާރާތް ދެ އުމުރުފުރާއަކަށް ބަހާލައިގެން ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.

Ad
rt

މި އުމުރުފުރާގައި ތިން ޓީމު ވާދަކުރިއިރު، ފައިނަލް މެޗުގައި "ބުލޫ ވޭވް" އާއި ވާދަކޮށް 2-3 ގެ ނަތީޖާއިން ޗެމްޕިއަންކަން ހޯދީ "ޔުނައިޓެޑް ކިންގްސް" އެވެ. މި މުބާރާތުގެ އެންމެ އަގުހުރި ކުޅުންތެރިޔަކަށް މުހައްމަދު ޒައިކް ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މިޝަލް އަބްދުލްމަޖީދު އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދީ އިސްމާއިލް އަލްޔާން ޝާހިދު އެވެ.

މީގެ އިތުރުން މޮޅު 5 ކުޅުންތެރިންގެ ތެރޭގައި އަލަފް ބިން އާދަމް ޙުސައިން، މިޝަލް އަބްދުލްމަޖީދު، އޫދު ބިން އިބްރާހިމް، އިޒްޔަން މުޙައްމަދު ސިރާޖު، އަދި އަލީ ނަޒާލް ޖަމީލް ހިމެނެއެވެ.

ހަތަރު ޓީމު ވާދަކުރި 12-17 އަހަރުގެ އުމުރުފުރާގެ ފައިނަލްގައި "ސުޕަ ސްޓްރައިކަރސް އެފްސީ" އާ ވާދަކޮށް 0-1 ގެ ހަނި ނަތީޖާއަކުން މުބާރާތް ކާމިޔާބުކުރީ "ފެންޓަމް އެފްސީ" އެވެ. މި ބައިގެ އެންމެ އަގުހުރި ކުޅުންތެރިޔަކަށް ނާއިޝް ޖަމީލް ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވޯޓެކްސް އެފްސީގެ ހަމީސް ބިން އަބްދުލް ހަމީދު އެވެ. އެންމެ މޮޅު ކީޕަރަކަށް ފެންޓަމް އެފްސީގެ ޔޫސުފް ނަޒާން އަހުމަދު ހޮވުނުއިރު، މޮޅު 5 ކުޅުންތެރިންނަކީ ހުސައިން އަޒްހާން، މުހައްމަދު ނަޒްހާން ޖަމީލް، އަލީ އަދުލީ، ލޫކް އަބްދުﷲ ޖަމީލް، އަދި ހަސަން އަޒްމާން އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ޔުނައިޓެޑް ކިންގްސްގެ މުހައްމަދު އަމާން ފަތުހުﷲ ހޯދިއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ މެނޭޖަރ އަހުމަދު ސަކީބު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފޯރި ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ފުރިހަމަ މުބާރާތެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބެލެނިވެރިންގެ ފަރާތުން ދެއްވި ހާއްސަ ސައިގެ އިތުރުން، އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށްޓަކައި ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ފަރާތުން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.